ބަލި މީހުންގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަނީ، މިއީ ވަގުން ގެންގުޅޭ އުކުޅުތައް!

ބަލި މީހުންގެ ނަމުގައި ހިންގާ މެޑިކަލް ސްކޭމްތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.

އެ ސެންޓަރުން ބުނީ މި ފަހަކަށް އައިސް ފޭސްބުކްގައި، ބަލި މީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި ކުރާ ޕޯސްޓުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރޭގައި ހިމެނޭ ގިނަ ޕޯސްޓުތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތައް ކަމަށެވެ.

ސްކޭމަރުންގެ އުކުޅުތައް:

  • އިންޓަނެޓުންނާއި ރާއްޖޭން ބޭރުގެ ވެބްސައިޓުތަކުން ބަލިމީހުންގެ ފޮޓޯ ނަގައިގެން ބޭނުންކުރުން
  • ކުޑަކުދިންނާއި ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދުން
  • ޕޯސްޓުގައިވާ ނަންބަރަށް ގުޅުމުން ފޯނު ނުނެގުން ނަމަވެސް މެސަޖަށް ޖަވާބުދިނުން

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ، އެކަމުން ރައްކާތެރިވުމުގެ ގޮތުން ގުޅައިގެން ޔަގީންކުރުމަށާއި ފައިސާ ފޮނުވުމުގެ ކުރިން އެ މީހުންނަށް ގުޅައި ވާހަކަދައްކަން އެދިފައިވެ އެވެ.

އަދި ޕޯސްޓުގައި ޖަހާފައިވާ ފޮޓޯއަކީ ސައްހަ ފޮޓޯއެއްކަން ކަށަވަރުކުރުމުގެ ގޮތުން ގޫގުލް ރިވާސް އިމޭޖް ސާޗް ފަދަ އުކުޅެއް ބޭނުންކޮށްގެން ޔަގީން ކުރުމަށްވެސް އެދިފައިވެ އެވެ.

އެންޓި ސްކޭމް ސެންޓަރުން ވަނީ އެފަދަ ޕޯސްޓުތައް ޝެއާ ނުކުރުމަށް ވެސް އެދިފަ އެވެ. ޔަގީންނުވާ ޕޯސްޓުތައް ޝެއާކުރުމަކީ އެ މަޅީގައި އެހެން މީހުން ޖެހުމަށް ދެވޭ ދައުވަތެއް ކަމަށާއި ކުށްވެރިންނަށް ފައިސާ ދެވެން މެދުވެރިވާ ސަބަބެއް ކަމަށް ވެސް ބުނެފައިވެ އެވެ.