އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑަކީ އޮސްޓްރޭލިއާގެ ރައްޔިތެއްގެ ހަށިގަނޑުކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މީހަކު މަރުވެފައި އޮތް ކަމަށް މިއަދު ހަވީރު 4:41 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެއީ ބިދޭސީ ފިރިހެނެއްގެ ހަށިގަނޑުކަން ކަށަވަރުވީ ނަމަވެސް، އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ، ފުލުހުން ވަނީ މިރޭ އާންމުންގެ އެހީއަށް ވެސް އެދިފައެވެ.
ފުލުހުން މިރޭ ބުނީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވައި ފެނިފައިވަނީ އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި އޭނާއަކީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި އުޅެމުންދިޔަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.


