ކުރީގެ ރައީސް މުހައްމަދު ނަޝީދު ---

ރާއްޖެ ތެލަށް ޖެހިދާނެ، ވަކި ގަޑިތަކެއްގައި ކަރަންޓު ކަނޑަން ފެނޭ: ނަޝީދު

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ހަނދާންވާ ގޮތުގައި އެސްޓީއޯ އާއި ޕްރައިވެޓް ސެކްޓާ ހިމެނޭ ގޮތަށް ރާއްޖޭގައި ރައްކާކުރެވެނީ 70 މިލިއަން ލީޓަރުގެ ޑީސަލާއި 25 މިލިއަން ލީޓަރުގެ ޕެޓްރޯލް ކަމަށާއި އެ އަދަދަކީ އެންމެ 20 ދުވަހުގެ ސްޓޮކް ކަމަށެވެ.

”ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު،“ އެ ޕޯސްޓުގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދު ވަނީ އެކަމާ ގުޅިގެން މިވަގުތު ރާއްޖެއިން އަޅަންޖެހޭ ކަމަށް އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ބައެއް ފިޔަވަޅުތައް ވެސް ހިއްސާކުރައްވައިފަ އެވެ. އެއީ؛

  • ރާއްޖޭގެ ޕްރައިވެޓް ސެކްޓާ ފިއުލް ސްޓޯރޭޖް ކެޕޭސިޓީ ދެނެގަތުން.
  • ކަރަންޓު ކަނޑާ ވަގުތުތަކެއް ކަނޑައެޅުން.
  • އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލް ކުރުން.
  • ސަރުކާރު އޮފީސްތަކާއި ސްކޫލުތައް ހުޅުވާ ވަގުތު މަދުކުރުން.
  • އިޖުތިމާއީ ހަރަކާތްތައް މަދުކުރުން.
  • މަސްވެރިކަމާއި ރިސޯޓުތަކަށް ތެޔޮ ކަށަވަރުކުރުން.
  • އޭވިއޭޝަން ފިއުލް ކަށަވަރުކުރުން.
  • އުޅަނގު އޭޝިއާ ހުރަސްކުރަން ނުޖެހޭ މަތިންދާބޯޓު އަދި ކަނޑުބޯޓު ފަހަރުގެ ރޫޓުތައް ހޯދައި ސަޕްލައި ލައިން ބަދަލުކުރުން.

ނަޝީދު މިގޮތަށް ގޮވާލެއްވި އިރު، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި ބައެއް އެހެން ގައުމުތަކުގައި ވެސް އަންނަނީ ތެލުގެ ހަރަދު ކުޑަކުރުމަށް މިފަދަ ބައެއް ފިޔަވަޅުތައް އަޅަމުންނެވެ.