ސައުދީ އަރަބިއާގެ މައްކާގައި ހުންނަ މަސްޖިދުލް ހަރަމްގައި ހާޓް އެޓޭކަށް ފަރުވާ ދޭން ހާއްސަ ޒޯނެއް ހަދައިފި އެވެ.
”ސޭފް ހާޓް ޒޯން“ގެ ނަމުގައި އެ ޒޯން ހިންގާނީ ސައުދީގެ ޕްރިމިއާ އަދި އެންމެ ބޮޑު އެއް މެޑިކަލް ސިޓީ، ކިންގް އަބްދުﷲ މެޑިކަލް ސިޓީގެ ދަށުންނެވެ.
ސައުދީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން މިއީ ސައުދީ ވިޝަން 2030ގެ ދަށުން ހިންގާ ”ހެލްތް ސެކްޓާ ޓްރާންސްފޯމޭޝަން ޕްރޮގްރާމް“ގެ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ސައުދީގެ މުގައްދަސް ބިންތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދެވޭ ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ހާއްސަ ފަރުވާތައް ފަސޭހައިން ލިބޭނެ ގޮތަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެއް ކަންތަކެވެ.
ސޭފް ހާޓް ޒޯންގައި ހިތުގެ ބަލިތަކަށް ހާއްސަ އައިސީޔޫގެ 10 އެނދާއި 30 ސިއްހީ މާހިރުންގެ މައްޗަށް އެކުލެވޭ ހާއްސަ މެޑިކަލް ޓީމެއް ހަރަކާތްތެރިވާނެ އެވެ. އަދި އިންޓަވެންޝަނަލް ކާޑިއޮލޮޖީގެ ހިދުމަތް އަލްހަރަމް ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ މޮބައިލް ކެތެޓަރައިޒޭޝަން ލެބޯޓްރީ މެދުވެރިކޮށް ފޯރުކޮށްދޭނެ އެވެ.
މީގެ އިތުރުން ކްރިޓިކަލް ކޭސްތަކަށް އެޑްވާންސް މެކޭނިކަލް ސަޕޯޓް ފޯރުކޮށްދޭނެ އެވެ. އޭގެ ތެރޭގައި އެކްސްޓްރާކޯޕަރިއަލް މެމްބަރޭން އޮކްސިޖަނޭޝަން (އީސީއެމްއޯ) ފަދަ ފުރާނަ ސަލާމަތްކުރާ ޑިވައިސްތަކުގެ އިތުރުން ކާޑިއެކް ސްޓެންޓް އަދި ސްޕެޝަލައިޒްޑް ބޭސް ވެސް މި ޒޯނުން ލިބޭނެ އެވެ.
ސައުދީ މީޑިއާތަކުން ބުނެފައިވާ ގޮތުން، ސޭފް ހާޓް ޒޯން އާއެކު ހާޓް އެޓޭކް ޖެހޭ މީހުންނަށް އަވަސް ފަރުވާ ލިބި، ހާލަތު ރަނގަޅުވެގެންދާނެ އެވެ. ހާއްސަކޮށް ރޯދަމަހާއި ހައްޖު މޫސުމުގައި ބާރުބޮޑު ވަގުތުތަކުގައި މި ސޭފް ހާޓް ޒޯންގެ ބޭނުންތެރިކަން އިތުރުވެގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.


