ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު އަދި ވިލާ ގްރޫޕްގެ ބާނީ ގާސިމް އިބްރާހީމްގެ ނަމުގައި ރަމަޟާން މަހާ ދިމާކޮށް އޮޅުވާލައިގެން ހިންގާ ބޮޑު ސްކޭމަކަށް ސަމާލުވުމަށް އޭނާ އާންމުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގެ މަންސައެއް ކަމަށްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ، ރަމަޟާން ކޭޝް ސަޕޯޓުގެ ގޮތުގައި 50،000 ރުފިޔާ ނިކަމެތި އާއިލާތަކަށް ދޭ ކަމަށްބުނެ ވަޓްސްއެޕް ގުރޫޕްތަކުގައާއި ސޯޝަލް މީޑިއާގައި ލިންކުތަކެއް ދައުރުކުރަމުންދާ ކަމަށެވެ.
އަދި އެ ލިންކުތަކާއެކު އޭނާގެ އޭއައި ފޮޓޯއެއް ބޭނުންކޮށްފައިވީ ނަމަވެސް، އެއީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ސައްހަ ނޫން މުއާމަލާތެއް ކަމަށް ގާސިމް ކަށަވަރުކޮށްދެއްވިއެވެ.
ގާސިމް ވިދާޅުވީ އެފަދަ ސްކޭމަރުންގެ ސަބަބުން އެތައް ބައެއްގެ އަގުހުރި ވަގުތު ބޭކާރުވެ، އެތައް ރައްޔިތުންނަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދެރަ އަދި ނިކަމެތި ގޮތްތައް ދިމާވަމުންދާ ކަމަށެވެ. އެހެންކަމުން، އެ މައުލޫމާތު އާންމުކުރެއްވީ ސީދާ ރައްޔިތުންގެ ސަމާލުކަމަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، ފުލުހުންނާއި ބޭންކުތަކުންވެސް ދަނީ މިފަދަ ނުދަންނަ ލިންކުތަކަށް ނުވަނުމަށާއި، ޒާތީ މައުލޫމާތު ހިއްސާނުކުރުމަށް ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ.


