މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން މާފަންނު ސްޓޭޑިއަމްގައި، ހުޅުމާލޭގެ ބޮޑު ޖަމާއަތް ދެ ތަނެއްގައި 

މާލެ ސިޓީގައި ފިތުރު އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މައިދާންތަކާއި މިސްކިތްތައް އިއުލާންކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފައިވާ އެ ލިސްޓުގައިވާ ގޮތުން މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގައެވެ. އޭގެ އިތުރުން 17 މިސްކިތެއްގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވެއެވެ.

ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ދެ ތަނެއްގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ ހުޅުމާލެ ފޭސް އެކެއްގައި ސިންތެޓިކް ޓްރެކް އަދި ފޭސް ދޭއްގައި މަސްޖިދު ހަސަން އާދަމް އާއި ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސްމަގާއި ދުބުރިގަސްމަގާ އެއް އިންކޮށް އޮންނަ ހުސްބިމުގައެވެ. އޭގެ އިތުރުން ހުޅުމާލެ ފޭސް އެކެއްގެ ހަތަރު މިސްކިތަކާއި ފޭސް ދޭއްގެ ދެ މިސްކިތެއްގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވެއެވެ.

ވިލިމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ވިލިގިލި ބޯޅަދަނޑުގައެވެ. އޭގެ އިތުރުން ވިލިމާލޭގެ މަސްޖިދުއްސަލާމްގައި ވެސް އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އީދު ނަމާދު ކުރުމަށް ފަށާ ގަޑިއަކީ ހެނދުނު 7:00 ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ މާޗް 20 ވާ ހުކުރު ދުވަހެވެ.