’މަސްޖިދުއްޒިކުރާ‘ މިހާރު ހުރި ބިމުގައި ތަރައްގީކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.
އެކަމަށްޓަކައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތަކީ ތިން ފަންގިފިލާގެ، 1500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތުގައި އަރައިފޭބުމަށް ފަސޭހައަށް ލިފްޓު ހަރުކުރާނެ ކަމަށާއި އެ މިސްކިތް ވެގެންދާނީ މާލެ ސަރަހައްދުގައި އެޅިގެންދާ ޖާގަ ތަނަވަސް މިސްކިތަކަށް ކަމަށެވެ.
އެ މިސްކިތުގެ އަމަލީ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފެށުމަށް ވަނީ ހަމަޖެހިފައެވެ.


