ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް ”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ގައި އިސްކޮށް އުޅުއްވި ޑރ. ސަނީ އުމަރަށް ދައުލަތުން ފަސް ދައުވާއެއް ކޮށްފިއެވެ.

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ދެ ފަހަރެއްގެ މަތިން ސަނީ އުމަރު ހައްޔަރުކޮށްފައެވެ. ފަހުން އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ދާން އުޅެނިކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހުއްޓައެވެ. އޭގެ ފަހުން އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ގ. މާވަނި، ހުސައިން ސަނީ އުމަރުގެ މައްޗަށް ދައުވާތައް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ސަނީ އުމަރުގެ މައްޗަށް ކުރާ ދައުވާތަކާއި ކުށުގެ އަދަބުތައް:
1. ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ
- އަދަބު: 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން
2. ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ
- އަދަބު: 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން
3. ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ
- އަދަބު: 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން
4. އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ
- އަސާސީ އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން
5. ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ
- އަސާސީ އަދަބު: 4 މަހާއި 24 ދުވަހަށް ޖަލަށްލުން
އެ ހުރިހާ ދައުވާތަކެއް ސާބިތުވެއްޖެ ނަމަ، ސަނީ އުމަރުގެ މައްޗަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.