އެމްޑީޕީން މާލޭ ރައްޔިތުން އަތުން ޓެކްސްއެއް ނަގަން އުޅުނު، އެކަން ހުއްޓުވީ ރައީސް މުއިއްޒު: ޝުޖާއު 

އެމްޑީޕީގެ ވެރިކަމުގައި މާލޭގެ ރައްޔިތުން އަތުން ޓެކްސްއެއް ނަގަން މަސައްކަތްކުރި ކަމަށާއި އެ މަސައްކަތް ހުއްޓުވީ އޭރު މާލޭގެ މޭޔަރަކަށް ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒާއެކު ކައުންސިލަރެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލުގައި މަސައްކަތްކުރެއްވި ޝުޖާއު ވިދާޅުވީ އެމްޑީޕީން ކެބިނެޓުގައި މަޝްވަރާކޮށް ނަގަން އުޅުނު ޓެކްސްއަށް ކިޔަން އުޅުނީ ”ކޮންޖެޝަން ފީ“ ކަމަށެވެ.

”އެމްޑީޕީގެ ވެރިކަމުގެ ތެރޭގައި އުޅުނޭ މާލޭގެ ރައްޔިތުން އަތުން ނުވަތަ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަތުން ގަނޑުކޮށް ޓެކްސްއެއް ނަގަން އުޅުނު. މިއީ ކެބިނެޓުގައި މަޝްވަރާކުރެވުނު ކަމެއް، އެ ޓެކްސްއަށް ކިޔަން އުޅުނީ ކޮންޖެޝަން ފީ. ކެބިނެޓުގައި މަޝްވަރާކުރެއްވި ޕޭޕަރެއް މާލެ ސިޓީ ކައުންސިލާ ހިއްސާކުރެއްވި. ރައީސް މުއިއްޒު އެ ޓެކްސް ހުއްޓުވައިދެއްވި،“ އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އެއީ މާލެއަކީ ކޮންޖެސްޓަޑް ސިޓީއެކޭ ކިޔާފައި މާލޭގެ މަގުތަކަށް ދައްކާ ޓްރާންސްޕޮޓޭޝަން ފީގެ އިތުރުން ނަގަން އުޅުނު ކޮންޖެޝަން ފީއެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެންބަރުން އަދި މާލޭ ސިޓީގެ އޭރުގެ ކައުންސިލަރުންނަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

”ރައީސް މުއިއްޒު ޕޭޕަރެއް ތައްޔާރުކުރައްވައި، މާލެ ސިޓީގެ ރައްޔިތުންނާއި އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަތުން ގަނޑުކޮށް މި ޓެކްސް ނުނެގޭނެ ކަމަށް އެ މަނިކުފާނު ވަކާލާތުކުރައްވައި އެ މަނިކުފާނު ބަސް އިއްވި ހިސާބުން ފެށިގެން ހަގީގަތުގައި މި ޓެކްސް މާލޭގެ ރައްޔިތުންގެ އަތުން ނުނެގިގެން ދިޔައީ،“ އޭނާ ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ މާލެއަކީ ކޮންޖެސްޓަޑް ސިޓީއަކަށްވާތީ، ކޮންޖެޝަން ފީއެއް ނަގަން ޖެހެންޏާ، ނަގަން ޖެހޭނީ ވަކި ހާލަތްތަކުގައި ކޮންޖެސްޓްވާ ސަރަހައްދުތަކުން ވަކި ވަގުތެއްގައި ކަމަށް ރައީސް މުއިއްޒު ގަބޫލުފުޅުކުރެއްވި ކަމަށާއި އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެކަން ހިނގާ ގޮތް ކަމަށެވެ. އެހެންކަމުން އިހުލާސްތެރި ބަޔަކީ ނުވަތަ ހިދުމަތްކުރުމުގެ ނިޔަތް އޮތް ބަޔަކީ ކޮބައިތޯ ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.