ސަރުކާރު އޮފީސްތައް ކުރިން ހިންގަމުން އައި ޣާޒީ ބިލްޑިންގް ހުރި ބިމުގައި ޕާކެއް ހަދަން ނިންމައި އެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ޝަހީދު ހުސައިން އާދަމް ބިލްޑިންއާ އިންވެގެން އޮންނަ އެ ބިމުގައި ކުރިން ހުރި ޣާޒީ ބިލްޑިންގް ތަޅާލީ ވަރަށް ބޮޑަށް ބާވެ، ބޮލަށް ވެއްޓޭ ހިސާބަށް ދިއުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، 2023 ވަނަ އަހަރު އެވެ.
އެ ސަރުކާރުން އޭރު ބުނީ، އެތަން ތަޅާލުމަށްފަހު އެ ބިން ބަދަލުކުރާނީ ޕާކިން ޒޯނަކަށް ކަމަށެވެ. އެ ސަރުކާރުގައި ގާޒީ ބިލްޑިންގް ތަޅައި ނިންމާލި ނަމަވެސް ޕާކިން ޒޯނުގެ މަސައްކަތް ފެށިފައެއް ނުވެ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރުގައި އެ ބިމުގައި ހަދާނީ ޕާކެއް ކަމަށެވެ. އަދި އެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްގެން މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި އެތަނުގައި ޕާކެއް ހަދަން ނިންމީ މާލޭގެ މަލަމަތި ރީތިކޮށް ތޮއްޖެހިފައިވާ މާލޭގައި ހިތްފަސޭހަ މައިޒާންތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
ގާޒީ ބިލްޑިންގް ހުރި ބިމުގައި ޕާކިން ޒޯނެއް ހެދުމުގެ ބަދަލުގައި ޕާކެއް ހަދަން ނިންމި އިރު، އެ ސަރަހައްދަކީ ސަރުކާރުގެ ގިނަ އޮފީސްތައް ހިންގާ ވެލާނާ ބިލްޑިންގް އާއި ފުލުހުންގެ މައި އިދާރާ އާއި ސިފައިންގެ މައި މަރުކަޒުގެ އިތުރުން އަމިއްލަ ގިނަ އޮފީސްތަކެއް ހިންގަމުން އަންނަ ސަރަހައްދެކެވެ.
އެހެންވެ އެ ސަރަހައްދުގައި މިހާރުވެސް ޕާކު ކުރާނެ ޖާގައެއް ހޯދުމަކީ އުދަނގޫ ކަމެކެވެ.



