މަނަދޫ ނައީމާ މަރާލުމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ބުނާ ފަވާޒު ބަންދުން ދޫކޮށްލައިފި

ނ. މަނަދޫ, އަންނާރުމާގޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު އެގޭ ނައީމާ މޫސާ މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ހަސަން ފަވާޒުގެ ބަންދަށް ދައުލަތުން ލުއި ދީފި އެވެ.

ނައީމާ މަރާލާފައި އޮއްވައި ފެނުނީ 6 އޭޕްރިލް 2023 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ މައްސަލައިގައި ފަވާޒުގެ މައްޗަށް ދައުލަތުން ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ އެވެ.

އެ ތިން ދައުވާ އޭނާގެ މައްޗަށް ކުރުމަށް ކޯޓަށް ހުށަހެޅީ 30 ނޮވެންބަރު 2023 ގައެވެ. އޭނާގެ މައްޗަށް އަދި ހުކުމްކޮށްފައި ނުވި ނަމަވެސް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން މި މައްސަލައިގެ ތަހުގީގު މަރުހަލާއިން ފެށިގެން ފަވާޒު ހުރީ ޖަލު ބަންދުގައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ, ފަވާޒުގެ ސިއްހީ ހާލަތާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާ ކަމަށް ކަރެކްޝަނަލް ސާވިސް އިން 9 މާރިޗް 2026 ގައި އެ އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެހެންވެ, ފަވާޒުގެ ބަލި ހާލަތާ ގުޅިގެން ޑޮކްޓަރުން ދެއްވާފައިވާ ލަފަޔާއި ބަލީގެ ހައްސާސްކަމަށް ރިއާޔަތްކޮށް, ގާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ލިބިދީފައިވާ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ޝަރުތުތަކާއެކު އޭނާގެ ބަންދަށް ލުއިދިނުމަށް ކްރިމިނަލް ކޯޓުގައި އެދުމުން, ފަވާޒު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

”ހަފްތާ“ އަށް އެނގިފައިވާ ގޮތުގައި ފަވާޒްއަކީ ތެލެސީމިއާ މޭޖާ އެކެވެ.

ފަވާޒް ބަންދުން ދޫކޮށްލުމަށް ކޮށްފައިވާ ޝަރުތުތައް:

  1. ބަންދުން ދޫކޮށްލާފައި ހުންނައިރު ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރުން އަދި އިތުރު ކުށެއް ނުކުރުން
  2. ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވުން. 
  3. ބޭސްފަރުވާ ހޯދުމަށް ފިޔަވައި ރޭގަނޑު 18:00 އިން ހެނދުނު 8:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުން. 
  4. ބޭސްފަރުވާ ހޯދުމަށް އެހެން ތަނަކަށް ހާޒިރުވާންޖެހޭ ހާލަތް ފިޔަވައި އެ ނޫން ހުރިހާ ހާލަތެއްގައި، ކޮންމެ ދުވަހަކު ހެނދުނު 8:00 އާ 12:00 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން. 
  5. މާލެއިން ބޭރަށް ނުދިއުން.
  6. މައްސަލާގައި ހެކިބަސްދޭނެ ކަމަށް ގަބޫލުކުރެވޭ އެއްވެސް މީހަކާ މުޢާމަލާތު ނުކުރުމާއި ބައްދަލުނުކުރުމާއި ހެކިންނަށް ނުފޫޒު ނުފޯރުވުން. 
  7. ފަރުވާ ހޯދަމުންދާކަމުގެ ލިޔެކިއުންތައް ކޮންމެ 15 ދުވަހަކުން އެއް ފަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށާއި ކްރިމިނަލް ކޯޓާ ހިއްސާކުރަމުން ދިއުން.