އެމެރިކާ އާއި ޔަހޫދީ އިޒްރޭލު އިސްވެ އޮވެ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ފޮނުވި އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖެރަލް އާރް ފޯޑްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އޭގެ ފަޅުވެރިން ހާލުގައި ޖެހިއްޖެ އެވެ.
މަނަވަރު ފޯޑްއަކީ އެމެރިކާގެ އެންމެ ފަހުގެ އަދި ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރެވެ. އަދި މިއީ މަނަވަރަކީ މިހާތަނަށް ބަނދެފައިވާ އެންމެ އަގުބޮޑު މަނަވަރެވެ. އެގޮތުން މި މަނަވަރު ބަނުމަށް 13.3 ބިލިއަން ޑޮލަރު ހަރަދުވި އެވެ. އަދި ޕްރޮގްރާމް ހަރަދާއެކު އެ އަދަދު 37 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާގެ އަސްކަރިއްޔާ އިން ކުރިން ބުނީ، މަނަވަރުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކޮންޓްރޯލް ކުރެވޭ ފަދަ ހާދިސާއެކެވެ. އަދި އޭގެ އޮޕަރޭޝަނަށް އެއްވެސް ބުރޫއެރުމެއް ނާންނާނެ ކަމަށްވެސް ބުންޏެވެ.
ނަމަވެސް ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން މަނަވަރުގެ ލޯންޑްރީ ކޮޓަރި ތެރޭގައި ރޯވި އަލިފާންގަނޑު ނިއްވަން އެތައް ގަޑިއިރެއް ނެގި އެވެ. އަދި ދުމުގެ އަސަރުކޮށްގެން ގާތްގަނޑަކަށް 200 އެއްހާ ފަޅުވެރިންނަށް ފަރުވާ ދޭންޖެހުނުއިރު ފަޅުވެރިން ނިދަން ބޭނުންކުރާ ގާތްގަނޑަކަށް 100 އެނދު ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ. އޭގެ އިތުރުން ފަޅުވެރިންގެ އަންނައުނު ނުދޮވެވިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މެދުކެނޑުމެއް ނެތި މި ހަނގުރާމަމަތީ މަނަވަރު ކަނޑުމަތީގައި އޮންނަތާ ނުވަ މަސްވެފައިވާއިރު، އަލިފާނުގެ ހާދިސާއާ ގުޅިގެން މަނަވަރު ފޯޑްގެ ފަޅުވެރިން ވަރަށް ބޮޑަށް ހާލުގައި ޖެހި، މާޔޫސްވެފަ އެވެ.
އޭގެ އިތުރުން މަނަވަރުގެ ފާޚާނާ ނިޒާމު ތަކުރާރުކޮށް ބްލޮކްވުމުގެ މައްސަލަވެސް ވަނީ ބޮޑުވެފަ އެވެ. މި ނިޒާމު ސާފުކުރުމަށްޓަކައި ބޭނުންކުރާ ހާއްސަ އެސިޑް ފްލަޝްއަކަށް އެވްރެޖްކޮށް 400,000 ޑޮލަރު ހޭދަވާ ކަމަށްވެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން މަނަވަރު ފޯޑް މިހާރު ވަނީ މަރާމާތަށް ގްރީސްގެ ކްރީޓްގައި އޮންނަ ސޫދާ ބޭއަށް ގެންދަން ނިންމައިފަ އެވެ. މަރާމާތަށް ކިހާ ދުވަހެއް ނަގާނެ ކަމެއް ނޭނގެ އެވެ. އެހެންވެ އެމެރިކާ އިން ދަނީ ޔޫއެސްއެސް ޖޯޖް އެޗްޑަބްލިޔު ބުޝް މެދުއިރުމައްޗަށް ފޮނުވުމަށް ތައްޔާރުވަމުންނެވެ.



