މާފަންނުގައި ހުންނަ ގުދަނުގެ އަލިފާންގަނޑު ކޮންޓްރޯލުކޮށްފި

މާފަންނުގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން މިރޭ ބުނީ މާފަންނު، ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަލިފާން ރޯވެފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުންނަ ގުދަނުގައެވެ. އެ ގުދަނުގައި އަދިވެސް ދަނީ ވަރަށް ބޮޑަށް އަލިފާން ރޯވަމުންނެވެ.

ރޯވެފައިވާ އަލިފާންގަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލުކޮށްފައެވެ. އަދި އީސީގެ އިންތިހާބާ ބެހޭ މަރުކަޒުގައި ހުރި ލިޔެކިޔުންތަކާއި ސާމާނު، ފުލުހުންނާ ގުޅިގެން މިހާރު އެތަނުން ވަނީ ނެރެފައެވެ.

އަލިފާންގަނޑު ކޮންޓްރޯލުކޮށްފައިވާ އިރު، އަލިފާން ރޯވި ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވެފައެވެ.

އެ އަލިފާނުގެ ހާދިސާއާ ގުޅިގެން އީސީގެ އިންތިހާބާ ބެހޭ މަރުކަޒުގެ މުދަލަކަށް ނުވަތަ ލިޔެކިޔުމަކަށް ގެއްލުމެއް ވެފައިނުވާ ކަމަށް އެ ކޮމިޝަނުން ކަށަވަރުކޮށްދެއެވެ.