ޝަހީމްގެ ނަސޭހަތެއް: އަގީދާގެ ކަންކަމުގައި، އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ ވާހަކަ ނުދައްކަވާ!

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމީ މަޒުހަބުތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި، އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ ވާހަކަ ނުކެއްކުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ނަސޭހަތްތެރިވެވަޑައިގެންފި އެވެ.

ޝަހީމް އެގޮތަށް ނަސޭހަތްތެރިވެފައި މިވަނީ، އީރާނުގައި މިހާރު ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިލްމުވެރީން ހިމެނޭ ގޮތަށް ސޯޝަލް މީޑިއާގައި ބަހުސްތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުންނީ، ޝީއީ މަޒުހަބީ ތައައްސުބްގެ ތެރެއަށް ރާއްޖޭގެ މުޖުތަމައު ވެއްޓުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތް ޖަމާއަތުގެ ސައްހަ މަތިވެރި އަގީދާގެ މަތީގައި، ގުރުއާނާއި ސުންނަތާއި ސަލަފުއްސާލިހުންގެ މަންހަޖުގައި އެތައް ގަރުނެއް ވަންދެން ސާބިތުކަމާއެކު ދެމި ތިބި ބައެއްކަންވެސް ފާހަގަކުރެއްވި އެވެ.

ޝަހީމް ވިދާޅުވީ، ސުންނަތް ޖަމާއަތުގެ މަތިވެރި އަގީދާގައި ރާއްޖެ ދެމި އޮންނާނެ ކަމަށާއި އެ އަސާސް ދެމެހެއްޓުމަށް ރައްޔިތުންނާއި އިލްމުވެރިންގެ އަރިހުން އެދޭ ކަމަށެވެ. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަ ކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދެއްވުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.

”ދީނީ ފިކުރީ ގޮތުން އިސްލާމީ މުޖުތަމައު ބައިބައިކޮށްލައި ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ސަމާލުވެ ތިބެން ޖެހޭނެ. ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި، އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ ވާހަކަ ނުކެއްކުމަށް ވެސް ނަސޭހަތްތެރިވަން،“ ޝަހީމް ވިދާޅުވި އެވެ.