ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ތާއީދުކުރައްވައިފިއެވެ.
މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ މަގާމު ފުރުއްވި އަކްރަމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގައި ބޮޑެތި ފައިދާތަކެއް އެބަހުރި ކަމަށާއި އެއް ކަމަކީ، ވެރިކަމަށް ކުރިމަތިލާ ފަރާތުން ނުވަތަ ވެރިކަމުގައި ހުރެ އިތުރު ދައުރަކަށް ކުރިމަތިލާ ފަރާތުން މަޖިލިސް ހޯދުމަށް ފޯކަސް ކުރާ މިންވަރު ކުޑަވުމުން ނުފޫޒުން އެއްކިބާވެ ރައްޔިތުން ބޭނުންވާ މަޖިލީހެއް ނެގުމަށް މަގުފަހިވުން ކަމަށެވެ.
މަޖިލިސް މެންބަރު ހޮވުމަށް ވޯޓުދޭ ފަރާތަށް، އެ ވޯޓު ދޭ އިރު ވެރިކަމަށް އާންނާނީ ވޯޓް ދިން ކެނޑިޑޭޓު ނިސްބަތްވާ ޕާޓީކަން ނޭނގުން ކަމަށާއި އެހެންވުމުން މަޖިލީހަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން ރައްޔިތު މީހާ ހިތް އެދޭ ފަރާތެއް ހިޔާރުކުރަން ފަސޭހާވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އިންތިހާބުގެ ފްރެޝަރަށް ސަރުކާރުގެ މެއިން ފޯކްސް އަބަދު ބަދަލުކުރަންޖެހޭ ޖެހުން ނިމުމަކަށް އައުމާއެކު އޭގެ ސަބަބުން ސަރުކާރަށް އެ ސަރުކާރެއްގެ މައިގަނޑު އަމާޒަށް މަސައްކަތް ކުރާނެ މާހުލެއް ގާއިމުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”ހަތަރުވަނަ ކަމަކީ، އިންތިހާބުތައް ދައުރުގެ ގިނަ ދުވަސްތަކެއްގައި ބޭއްވުމުން ދައުލަތުން ނުވަތަ އެއިރެއްގައި އޮންނަ ސަރުކާރަކުން ކުރާ ހޭދަ، އިންތިހާބު ބާއްވާ ދުވަހުހުގެ އަދަދު މަދުވުމުން ކުޑަވެގެން ދިއުން. ފަސްވަނަ ކަމަކީ ، ދެ އިންތިހާބެއް އެއްދުވަހެއްގައި ބޭއްވުމުން ކުޑަވެގެންދަނީ އިންތިހާބުތައް ދެ ދުވަހު ބާއްވާނަމަ އިލެކްޝަނުން ކުރާ ހޭދަ އެކަނި ނޫންކަން، އޭގެ ބަދަލުގައި އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރުތަކުން ވަޒީފާ އިތުރުކުރާ ނިސްބަތް މަދުވެ، ޕާޓީތަކުން ކުރާ ހޭދަވެސް ކުޑަވުން،“ އޭނާ ވިދާޅުވިއެވެ.
އަކްރަމް އިތުރަށް ވިދާޅުވީ އެންމެ މުހިންމު އިންތިހާބު ބާއްވާ ދުވަހު ރައްޔިތުންގެ މަޖިލިސް އިންތިހާބުވެސް ބޭއްވުމުން ވޯޓުލާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ ކަމަށެވެ. އަދި އެކަންކަމަށް ބަލާ އިރު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ހިޔާލު ހޯދުމުގެ ވޯޓު ވެސް ކުރިއަށްދާނެއެވެ. މިހާތަނަށް ސަރުކާރު ހިންގާ ޕީއެންސީއާއެކު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި އަދާލަތު ޕާޓީން ވެސް ވަނީ އެ ވޯޓު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށްފައެވެ. އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ތާއީދުކުރައްވަނީ އެގޮތަށެވެ.
އެ ދެ އިންތިިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅު ހަދާ މައިގަނޑު ޕާޓީއަކީ އިދިކޮޅު އެމްޑީޕީންނެވެ. ނަމަވެސް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ އެކަމަށް ތާއީދުކުރައްވަމުންނެވެ. އޭގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެ ކުރިން ވަނީ އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވައި ވާހަކަދައްކަވައިފައެވެ.



