ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭން ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވި އިރު، 3 މެއި 2025 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުން ”ރިކޯލް“ ވޯޓަކުން ވަކިކުރެވޭގޮތަށް ގާނޫނު އިސްލާހުކުރަން މިދިޔަ އަހަރު ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެ އިސްލާހު މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ.
ޒުވާނުންނާ ރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ގާނޫނެއްގައި ކަނޑައަޅައި ރައްޔިތުންނަށް ދިނުން، ނުވަތަ ރިކޯލް ވޯޓުގެ ނިޒާމު ހުށަހެޅުމަކީ މި ސަރުކާރުގެ އިސްލާހީ އެޖެންޑާގެ ތެރޭ ހިމެނޭ ކަމެއް ކަމަށެވެ.
ރިކޯލް ވޯޓުގެ ނިޒާމު ތައާރަފު ކުރުމުން، މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ ނަތީޖާ ދަށްވެއްޖެނަމަ، ނުވަތަ ގާނޫނީގޮތުން އެ ބަޔަކަށް މަސައްކަތް ނުކުރެވޭކަން ރައްޔިތުންނަށް ފެންނަނަމަ ކަނޑައެޅިފައި އޮންނަ ގޮތަކަށް ޕެޓިޝަން ހުށަހަޅައި، މަޖިލީހުގެ ތެރޭ ވޯޓު ހަމަކޮށް، އެ މެންބަރަކު ނުވަތަ ކައުންސިލަރަކު މަގާމުން ދުރުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”އެއީ މަޖިލީހުން ދައުރުގެ މެދުތެރޭގައި އިންތިހާބެއް ބާއްވައިގެން ކުރާ ކަމެއް ނޫން. ސާފުކޮށް އެ އޮތީ މަޖިލީހުގެ ދައުރު. އަޅުގަނޑު ހުށަހަޅާ ރިފޯމް އެޖެންޑާގެ ތެރޭގައި ހުށަހަޅަން އިތުރު ކަމެއް އެބައޮތް މީގެ ތެރޭގައި. މަޖިލިސް މެންބަރުންނާއި ކައުންސިލު މެންބަރުން އިލެކްޓްކުރާ މީހުން، މަޖިލީހާއި ކައުންސިލުގެ ދައުރުގެ ތެރޭގައި ގާނޫނެއްގެ މި ކަންކަން ކަނޑައަޅައިގެން ރިކޯލް ވޯޓު ނެގޭގޮތަށް،“ އެ މަނިކުފާނު ވިދާޅުވި އެވެ
ރައީސް އިތުރަށް ވިދާޅުވީ އެ އިސްލާހު ހުށަހެޅުއްވުމަށް ގަސްދުކުރައްވާ ކަމަށާއި އެހެންކަމުން އިދިކޮޅު ފަރާތްތަކުން އެ ދައްކާ ވާހަކަތަކުގައި އެއްވެސް ވަރެއްގެ ބާރެއް ނެތް ކަމަށެވެ.



