ހުޅުމާލޭގައި 13 ބުރީގެ ޕާކިން އިމާރާތެއް ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ހުޅުމާލެ ފޭސް 1ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ. އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި އިމާރާތް ހަދަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން، ޕްރައިވެޓް ސެކްޓާ އިނިޝިއޭޓަޑް ޕްރޮޖެކްޓް (ޕީއެސްއައިޕީ) އުސޫލުން، ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާ ހަވާލުކޮށްގެންނެވެ.
ދެ އަހަރު ތެރޭގައި ހަދާ ނިންމަން ހަވާލުކޮށްފައިވާ މި އިމާރާތުގައި ހަތަރު ފުރޮޅުލީ 800 އަށްވުރެ ގިނަ އުޅަނދަށް އަދި 500 އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ އެވެ. އަދި މި އިމާރާތަކީ އުޅަނދުތައް އަރުވާ ފޭބުމަށް ރޭމްޕްގެ އިތުރުން ވެހިކަލް އެލެވޭޓަރުތަކާއި ޓްރެފިކް ފްލޯ ބެލެހެއްޓޭނެ ޒަމާނީ ވަސީލަތްތައް ހިމެނޭހެން ފަރުމާކޮށްފައިވާ ތަނެކެވެ.
ޕާކިން ޖާގައިގެ އިތުރުން، މި އިމާރާތުގައި ފިހާރަތަކާއި އުޅަނދުތަކަށް ބޭނުންވާ މަރާމާތުގެ ހިދުމަތާއި އިލެކްޓްރިކް އުޅަނދުތައް ޗާޖުކުރާނެ ފެސިލިޓީގެ އިތުރުން ކުޅިވަރު ކުޅޭނެ ޖާގަވެސް ހުންނާނެ އެވެ.



