ރަސްމީ ޑިއުޓީ އަދާކުރަމުން ގެންދަނިކޮށް ޕޮލިސް ސާޖަންޓް އާދަމް ހަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކ. ކާށިދޫ/ ސުވާސާގެ، މުހައްމަދު ސަމާހުގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު އަނެއްކާވެސް ހުކުމްކޮށްފި އެވެ.
އާދަމް ހަލީމަށް ހަމަލާދީ މަރާލީ 23 ޖުލައި 2012 ގައެވެ. އެ މައްސަލައިގައި ސަމާހުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހެޅީ 29 ޖުލައި 2012 ގައެވެ. އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 14 ޖަނަވަރީ 2013 ދުވަހު، ސަމާހު މެރުމަށް އެ ކޯޓުން ހުކުމްކުރި އެވެ.
އަދި އެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަަވަރުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް 30 ސެޕްޓެންބަރު 2020 ދުވަހު އެ އެ ކޯޓުންވެސް ނިންމި އެވެ.
ނަމަވެސް އެ ނިންމުން ސަމާހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަހުވީލުކުރުމަށް 23 ސެޕްޓެންބަރު 2024 ދުވަހު ނިންމާފައިވެ އެވެ.
ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށްފަހު، މި މައްސަލާގައި ސަމާހުގެ މައްޗަށް ކޮށްފައިވާ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ހުކުމްކޮށްފައިވާއިރު، ސަމާހުގެ މައްޗަށް އަދަބު ކަނޑައެޅުމަށްޓަކައި، އާދަމް ހަލީމުގެ ވާރިސުންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް 2 އެޕްރީލް 2026 ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ..



