އުއްޗުގެ ތާއީދު މޫސާ އަލީ ޖަލީލަށް 

ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ބައްދަލުކުރައްވަނީ --

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދުކުރެއްވުމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ނިންމަވައިފިއެވެ.

މިއަދުގެ ވަގުތެއްގައި މޫސާ އަލީ ޖަލީލު ވަނީ އުއްޗުއާ ބައްދަލުކުރެއްވުމަށް ޗަމްޕާގިރިއަށް ވަަޑައިގެންފައެވެ.

އެ ބައްދަލުވުމުގައި އުއްޗު ވަނީ މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވަން ނިންމެވިކަން ހާމަކުރައްވައި، ވޯޓު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީން ވެސް ދެއްވައިފައެވެ.

އުއްޗު ވިދާޅުވީ މޫސާ އަލީ ޖަލީލު ފަދަ ގައުމީ ހިދުމަތުގެ މަތީ ޝަރަފާއެކު ޒިންމާ އަދާކުރައްވާފައިވާ ބޭފުޅުން ގައުމުގެ ޒިންމާދާރު މަގާމުތަކުގައި ތިބުމަށް އަބަދުވެސް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ގައުމީ ހިދުމަތުގެ އެެންމެ ފަހުރުވެރި ރެކޯޑެއް އޮތީ ވެސް ޖަލީލުގެ ކަމަށް އުއްޗު ވިދާޅުވިއެވެ.

އުއްޗުގެ އިތުރުން ވެސް ވަކިވަކި ބޭފުޅުން ގެންދަވަނީ މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވަމުންނެވެ. އެގޮތުން ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ފާހަގަކޮށްލެވެއެވެ.