އަނިޔާވެރިކަމާއި ހަމަލާތައް އަލުން ތަކުރާރުނުވާނެކަމުގެ ފުރިހަމަ ޔަގީންކަމެއްދޭ ނަމަ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން ތައްޔާރު ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިޔަން ވިދާޅުވެއްޖެއެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމަ މިހާރު އެއް މަސް ދުވަހަށް ދެމިގެން ގޮސްފައިވާ އިރު، އެ ހަނގުރާމައިގެ އަސަރު މުޅި ދުނިޔެއަށް ދަނީ ކުރަމުންނެވެ.
ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި އީރާނުގެ ރައީސް ޕެޒެޝްކިޔަން ވިދާޅުވީ އެމެރިކާއާއި އިސްރާއީލާއެކު މިހާރު ކުރިއަށްދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ނިޔަތް އީރާނުގެ ކިބައިގައި އެބައޮތް ކަމަށެވެ. ނަމަވެސް، އެކަމަށްޓަކައި އަނިޔާވެރިކަމާއި ހަމަލާތައް އަލުން ތަކުރާރުނުވާނެކަމުގެ ފުރިހަމަ ޔަގީންކަމެއް ބޭނުންވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަައެވެ.
އީރާނުގެ ރައީސް ޕެޒެޝްކިޔަން ވަނީ ޔޫރަޕިއަން ކައުންސިލްގެ ރައީސްއާ ދެއްކެވި ވާހަކަފުޅުގައި، އެމެރިކާއާއި އިޒްރޭލުން ހިންގަމުންދާ އަމަލުތަކާ މެދު ޔޫރަޕުން ހަނުއޮންނަ އޮތުމަކީ އިންސާނީ ހައްގުތަކާ ފުށުއަރާ ކަމެއް ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ޔޫރަޕްގެ ސިޔާސަތުތައް ބައްޓަންކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.
އޭގެ ރައްދުގައި ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ ވިދާޅުވީ، މެދުއިރުމަތީގެ މިހާރުގެ ހަލަތަކީ ނުރައްކާތެރި ހާލަތެއް ކަމަށާއި، ހަމަނުޖެހުންތައް ކުޑަކޮށް، ޑިޕްލޮމެޓިކް އުސޫލުން މައްސަލަތައް ހައްލުކުރުމަށް އީރާނަށް ގޮވާލައްވާ ކަމަށެވެ. އަދި ހާއްސަކޮށް ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް ގޮވާލެއްވިއެވެ.
އެމެރިކާއިން 15 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ހުށަހެޅުމެއް ހުށަހެޅި ނަމަވެސް، އެ ހުށަހެޅުމަށް ދެކޮޅު ހަދައި އީރާނުން ވަނީ ފަސް ނުކުތާއެއްގެ މައްޗަށް އެކުލެވޭ އަމިއްލަ ހުށަހެޅުމެއް ހުށަހަޅައިފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން މަޢުލޫމާތުދޭގޮތުގައި، އެ ޝަރުތުތަކުގެ ތެރޭގައި އެންމެ އިސްކަމެއް ދީފައިވަނީ ހަމަލާތަކާއި ގަތުލުތައް އެއްކޮށް ހުއްޓާލުމަށެވެ.
ދެވަނަ ކަމަކަށް، ހަނގުރާމަ އަލުން ނުފެށޭނެކަން ކަށަވަރުކުރުމަށް ހަރުދަނާ ނިޒާމުތަކެއް ގާއިމުކުރުމާއި، ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ސާފުކޮށް ކަނޑައެޅި، އެ ބަދަލު ދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދިނުން ހިމެނެއެވެ. މީގެ އިތުރުން، މުޅި ސަރަހައްދުގައި ހަރަކާތްތެރިވާ ހުރިހާ ދިފާއީ ޖަމާއަތްތަކެއް ހިމެނޭހެން ހުރިހާ ރޮނގަކުން ހަނގުރާމަ ހުއްޓާލުމަށާއި، ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުގެ ސިޔާދަތީ ބާރުވެރިކަން އޮތްކަން ބައިނަލްއަގުވާމީ ފެންވަރެއްގައި ބަލައިގަތުމަށްވެސް އީރާނުން ވަނީ ގޮވާލައިފައެވެ.



