އީރާން ރައްޔިތުން ޔޫއޭއީއަށް އެތެރެވުން މަނާކޮށްފި

އެމިރޭޓްސްގެ ފްލައިޓްތަކެއް ގްރައުންޑްކޮށްފައި ---

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އީރާން ރައްޔިތުން އެތެރެވުން މަނާކޮށްފި އެވެ.

އީރާންގެ ޕާސްޕޯޓް އޮންނަ މީހުން ޔޫއޭއީއަށް ވަނުމާއި އެ ގައުމު ޓްރާންސިޓްކޮށް އެހެން ގައުމުތަކަށް ދަތުރުކުރުން ޔޫއޭއީ ސަރުކާރުން މަނާކުރި ނަމަވެސް އެކަމާ ގުޅޭ ރަސްމީ ބަޔާނެއް އަދި މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.

ޔޫއޭއީގެ ގައުމީ އެއާލައިންތައް ކަމަށްވާ އެމިރޭޓްސް އާއި އިއްތިހާދު އެއާވޭޒްގެ އިތުރުން ފްލައި ދުބާއީން ވަނީ އީރާން ރައްޔިތުންނަށް އެ އެއާލައިންތަކުގެ ފްލައިޓްތަކުގައި ދަތުރުކުރުމުގެ ހުއްދަ ނުދޭން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ޔޫއޭއީގެ ”ގޯލްޑަން ވިސާ“ އޮންނަ އީރާން ރައްޔިތުންނަށް މި އުސޫލުން އިސްތިސްނާ ލިބޭނެ ކަމަށް އެއާލައިންތަކުން ބުނެ އެވެ.

މި ނިންމުމާއެކު އީރާން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް ވައިގެ ދަތުރުފަތުރުގެ މަރުކަޒު މި ވަނީ ބަންދުވެފަ އެވެ.

ޔޫއޭއީން މިފަދަ ފިޔަވަޅެއް އެޅި އިރު، އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ފެށިފައިވާ ހަނގުރާމައިގައި އީރާނުން ދަނީ ޔޫއޭއީއަށްވެސް މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތައް ކަމިޔާބު ކަމާއެކު ހުއްޓުވި ނަމަވެސް މިސައިލްގެ ބައެއް ބައިތައް ޔޫއޭއީގެ އެކި ސަރަހައްދުތަކަށް ވެއްޓި ގެއްލުންތަކެއްވެފައިވެ އެވެ.