އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް ކެމްޕޭންކުރާތީ، ވިލިނގިލި ދާއިރާގެ ނައިބު ރައީސަށް ފިޔަވަޅު އަޅައިފި

އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ނައިބު ރައީސް އަމީޒް ހަސަން --

އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް ކެމްޕޭންކުރާތީ، އެ ޕާޓީގެ ގއ. ވިލިނގިލި ދާއިރާގެ ނައިބު ރައީސް އަމީޒް ހަސަން، ޕާޓީގެ ހަރަކާތްތަކުން އެކަހެރިކޮށްފިއެވެ.

އަމީޒް ކެމްޕޭން ކުރަމުންދަނީ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށެވެ. އެމްޑީޕީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސައިން ވެސް ގެންދަވަނީ އެ ކެންޑިޑޭޓުންނަށް ކެމްޕޭންކޮށްދެއްވަމުންނެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީ ކެންޑިޑޭޓުންނާ ދެކޮޅަށް ވިލިނގިލި ދާއިރާގައި މަސައްކަތްކުރާކަމުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ، މައްސަލައާ މެދު ވަކިގޮތެއް ނިމެންދެން އަމީޒް ހުރި ޕާޓީގެ މަގާމުގެ މަސްއޫލިއްޔަތްތަކުންނާއި، ޕާޓީގެ ހަރަކާތްތަކުން ވަގުތީގޮތުން އެކަހެރިކުރަން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ފިޔަވަޅު އަޅާ ކޮމިޓީއަށް އަމީޒްގެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަނެވެ.