”ޕްރައިމަރީ ޕީސީއައި“ ނުވަތަ ހާޓް އެޓޭކް ޖެހޭ މީހުންނަށް ދެވޭ އަވަސް ފަރުވާގެ ހިދުމަތް މާލެއިން ބޭރުގައި ފެށި ފުރަތަމަ ހޮސްޕިޓަލަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ވެއްޖެއެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭއީއެޗް އާއި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ ދަތުރަކީ، ރާއްޖޭގެ ދެކުނުގެ ސިއްހީ ދާއިރާގައި، ވަކިން ހާއްސަކޮށް ހިތުގެ ބަލިތަކަށް ފަރުވާދިނުމުގެ ތާރީހުގައި ހޯދުނު ފާހަގަކޮށްލެވޭ ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ.
އެ ތާރީހީ ދަތުރުގެ ތެރެއިން، މާލޭގެ ބޭރުން ފުރަތަމަ ފަހަރަށް ”ޕްރައިމަރީ ޕީސީއައި“ ނުވަތަ ހާޓް އެޓޭކް ޖެހޭ މީހުންނަށް ދެވޭ އަވަސް ފަރުވާގެ ހިދުމަތް އައްޑޫ ސިޓީގައި ވަނީ ކާމިޔާބުކަމާއެކު ފަށާފައި ކަމަށް ހަލީމް ވިދާޅުވިއެވެ.
އޭގެ އިތުރުން ހިތުގެ މައްސަލަތަކަށް ބޭނުންވާ ”އައިސީޑީ“ އަދި ”ޕާމަނަންޓް ޕޭސްމޭކާ“ ހަރުކުރުމުގެ ހިދުމަތްވެސް އޭއީއެޗްގައި ތައާރަފުކޮށްފައިވާ ކަމަށާއި އެގޮތުން ޖުމުލަ 11 އެންޖިއޯގްރާމް އާއި 6 އެންޖިއޯޕްލާސްޓީ ހަދައި، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ މުހިންމު ފަރުވާތައް ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަލީމް އިތުރަށް ވިދާޅުވީ ސިއްހީ ހިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން އެޅުނު އެ މުހިންމު ފިޔަވަޅާއެކު، ފަރުވާ ހޯދުމަށް މާލެއަށް ނުވަތަ ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ހިތުގެ ބަލިތަކަށް ބޭނުންވާ އަވަސް ފަރުވާގެ ޔަގީންކަން ދެކުނުގެ ރައްޔިތުންނަށް ލިބިގެން ގޮސްފައިވާ ކަމަށެވެ.



