ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު އެއްވަރުވީ ދާއިރާތަކުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބާއި ޑަބްލިޔުޑީސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާ އިރު، ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުންގެ ވޯޓު ވަނީ އެއްވަރުވެފައެވެ.
އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު މިއަދު ދެއްވި ހިތާބެއްގައި ވިދާޅުވީ މިއީ ކައުންސިލު އިންތިހާބާއި ޑަބްލިޔުޑީސީ އިންތިހާބުގައި އެންމެ ގިނަ އަދަދަކަށް ވޯޓުލީ ފަހަރު ކަމަށާއި އެގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވާ 294،576 މީހުންގެ ތެރެއިން 215،346 މީހުން ވޯޓުލާފައިވާ ކަމަށެވެ.
ކައުންސިލް އިންތިހާބާއި ޑަބްލިޔުޑީސީ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ މެދު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ވެސް ކުރިއަށްދިޔައީ ވަރަށް އިންސާފުވެރިކަމާއެކު ކަމަށާއި ކައުންސިލު އިންތިހާބާއި ޑަބްލިޔުޑީސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.
ކައުންސިލް އިންތިހާބާއި ޑަބްލިޔުޑީސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 2:30 ގައެވެ.



