ރައީސް ޑރ. މުހައްމަދު މުއިއްޒު، ”ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ“ މިއަދު އުފައްދަވައިފިއެވެ.
އެ އޮފީހަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ހިދުމަތް ދިނުމަށް ރައީސް އޮފީހުގައި ގާއިމުކުރި އޮފީހެކެވެ.
އެ އޮފީސް ގާއިމު ކުރައްވަން ނިންމެވިކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ، މިއަހަރުގެ ރިޔާސީ ބަޔާން، ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން މިދިޔަ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.
އެ ބިއުރޯގެ މަސައްކަތްތައް އަމަލީގޮތުން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެދު ތެރޭގައެވެ. އެ ބިއުރޯގެ މަސައްކަތްތައް ފެށުމަށްޓަކައި ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތަކާއި، އެ ބިއުރޯއަށް ހޯދަންޖެހޭ މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
”ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ“ގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމެވެ. އެ ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރެވޭނެއެވެ.



