ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް އުފައްދައިފި

ރައީސް އޮފީސް ---

ރައީސް އޮފީހުގެ ބައެއްގެ ގޮތުގައި، ”ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް“ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު އުފައްދަވައިފިއެވެ.

އެ އޮފީހަކީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ގާއިމުކުރެއްވި އޮފީހެކެވެ. އެ އޮފީސް ގާއިމުކުރައްވަން ނިންމެވިކަން ރައީސް އިއުލާނުކުރެއްވީ މިއަހަރުގެ ރިޔާސީބަޔާން، ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން މިދިޔަ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީހުން ކުރަމުންގެންދާނެ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ހިލާފުތަކާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުމާއި، ރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައަޅައި، ބައުންޑަރީ މެޕްތަކާއި އެއާ ގުޅުންހުރި އިންސްޓްރޫމެންޓްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ.

އެ އިދާރާގެ މަސައްކަތްތައް އަމަލީގޮތުން ފެށުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއި، އެ އިދާރާއަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.