މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ފެބުރުއަރީ 28 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީއަށް ބަދަލުގެންނަވައިފިއެވެ.
އެ ބަދަލު ގެންނަވާފައި މިވަނީ، އެ ކޮމިޓީގައި ކުރިން ހިމެނިވަޑައިގެންނެވި ކެބިނެޓް މިނިސްޓަރުންތަކެއް މިނިސްޓަރުކަމުގެ މަގާމުނއ މިދިޔަ އަންގާރަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ކޮމިޓީއަށް ބަދަލުގެންނަވާފައިވަނީ، ކެބިނެޓަށް ގެންނެވި ބަދަލާ ގުޅިގެން، އިއްޔެ ބޭއްވެވި ކެބިނެޓް ބައްދަލުވުމުގައި ކަމަށެވެ.
އެ ބަދަލާއެކު ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
- މޫސާ ޒަމީރު، ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރު (ޗެއާ)
- އިރުތިޝާމް އާދަމް، ފޮރިން އެފެއާޒް މިނިސްޓަރު
- މުހައްމަދު ސައީދު، އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު
- އަހުމަދު ޝިޔާމް، ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު
- މުހައްމަދު އަމީން، ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު



