މިޔަރެއްގެ ހަމަލާގައި ފައިބުރިކޮށްލަން ޖެހުނީ ހަނީމޫނަށް އައިސް އުޅުނު ޒުވާން ޑޮކްޓަރެއްގެ

ގއ. އަތޮޅު ކޫއްޑޫ ކައިރީގައި ފީނަން އުޅެނިކޮށް ފައިގައި މިޔަރެއް ދަތްއެޅުމުގެ ސަބަބުން ލިބުނު އަނިޔާތަކާ ގުޅިގެން ފައިބުރިކޮށްލަން ޖެހުނީ ހަނީމޫނަށް ރާއްޖެ އައިސް އުޅުނު ސްޕެއިންގެ ޑޮކްޓަރެއްގެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ހޯމަ ދުވަހު ހިނގި މި ހާދިސާގައި ފައި ބުރިކޮށްލަން ޖެހުނީ ސްޕެއިންގެ އެލިކަންޓޭ އަށް ނިސްބަތްވާ، އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ، ބޯޖާ ގާސިއާ ސޫސާ ނަމަކަށް ކިޔާ އުމުރުން 31 އަހަރުގެ ފިރިހެނެއްގެއެވެ. އޭނާ ހަނީމޫނަށް އައިސް އުޅުނީ އަންހެނުން އަނާ އާއެކު ރެސިޑެންސް މޯލްޑިވްސްއަށް ކަމަށްވެސް ”އެލް ޕެރިއޮޑިކޯ މެޑިޓެރޭނިއޯ“ އާ ހަވާދީ އިނގިރޭސި ވިލާތުގެ ”މިރާ“ ގައި ރިޕޯޓް ކޮށްފައިވެ އެވެ.

ބޯޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގއ. އަތޮޅު ހޮސްޕިޓަލުގައެވެ. ނަމަވެސް ހާލު ސީރިއަސްވުމުން، އިތުރު ފަރުވާއަށް އޭނާ ވަނީ މާލެ ގެނެސްފަ އެވެ. އޭނާއަށް މިވަގުތު ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

އާނާގެ އާއިލާއާ ގާތް ފަރާތަކާ ހަވާލާދީ މިރާގައި ބުނެފައިވާ ގޮތުން، މިޔަރު ދިން އެންމެ ހަމަލާއަކުން ބޯޖާގެ ކަކުލުން ތިރީގެ ހުރިހާ މަސްތަކެއް ވަނީ ކާލައިފަ އެވެ.

މި ހާދިސާއާ ގުޅިގެން ބޯޖާގެ އާއިލާ އިން ވަނީ އެފަދަ ނުރައްކާތެރި ސަރަހައްދަކަށް ފަތުރުވެރިން ގެންދިޔަ މައްސަލައިގައި، އެކަން އިންތިޒާމު ކުރި ފަރާތާ ދެކޮޅަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި ފުލުހުން ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ކުރިން ބުނެފަ އެވެ.