އީރާނުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލިތާ 24 ގަޑިއިރު ނުވަނީސް އަލުން ބަންދުކޮށްފި

ޔަހޫދީ އިޒްރޭލުން ލުބުނާނަށް ހަމަލާދިނުން މެދުކަނޑާލުމާއެކު އީރާނުން ހުޅުވާލި ހޮރްމޫޒް ކަނޑުއޮޅި އަލުން ބަންދުކޮށްފި އެވެ.

ދުނިޔޭގެ ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭހުގެ ފަސްބައިކުޅަ އެއްބަސް އުފުލާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލިތާ 24 ގަޑިއިރު ނުވަނީސް އަލުން ބަންދުކޮށްފައިވާކަން އިއުލާންކޮށް އީރާނުގެ އަސްކަރީ ސެންޓްރަލް ކޮމާންޑާ ހަވާލާދީ ދައުލަތުގެ ޓީވީން މިއަދު ބުނީ އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް، ކަނޑުގެ މަގުން ދަތުރުފަތުރު ކުރުމަށް ހުރަސްއަޅަމުންދާތީ، ހޮރްމޫޒް ކަނޑުއޮޅި އޮތީ އީރާނުގެ އަސްކަރިއްޔާގެ ފުރިހަމަ ބެލުމުގެ ދަށުގައި ކަމަށެވެ.

އަދި އީރާނުގެ އުޅަނދުފަހަރަށް މިނިވަންކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ދެންދެން، ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮންނާނީ އީރާނުގެ އަސްކަރިއްޔާގެ ދަށުގައި ކަމަށާއި ހުއްދަ ނެތި އެއްވެސް އުޅަނދަކަށް އެ ސަރަހައްދުން ދަތުރު ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ ބްލޮކޭޑް ދެމިއޮތްހާ ހިނދަކު ހޮރްމޫޒް ކަނޑުއޮޅި ހުޅުވާފައި ނުބޭއްވޭނެ ކަމަށާއި އެ ސަރަހައްދުން ދަތުރުކުރާ ކޮންމެ އުޅަނދެއްވެސް ދަތުރުކުރަންވާނީ އީރާނުގެ އަސްކަރީ އިދާރާތަކުގެ ހާއްސަ ހުއްދައެއް ލިބިގެން ކަމަށެވެ.

މި ނިންމުން އައިސްފައިވަނީ، އީރާނުގެ ތެޔޮ ގަތުމަށް އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ދީފައިވާ ހުއްދަ މެއި މަހުގެ 16 އާ ހަމައަށް އިތުރުކޮށްފައި ވަނިކޮށް ނަމަވެސް، އީރާނުން ގަބޫލުކުރާ ގޮތުގައި އެމެރިކާއިން އަދިވެސް ދަނީ އިގްތިސާދީ ގޮތުން އީރާނު ދަތިކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.