އަނެއްކާވެސް ބޮން އަޅަން ޖެހިދާނެ ކަމަށް ޓްރަމްޕް ބުނުމުން އިރާނުގެ ރައްދު: ހާދަ އަނގަގަދައޭ!

އަންނަ ބުދަ ދުވަހުގެ ނިޔަލަށް ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އީރާނަށް އަލުން ބޮން އަޅަން ފަށަން ޖެހިދާނެ ކަމުގެ ވަރުގަދަ އިންޒާރެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފި އެވެ.

އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ، އިޒްރޭލާއި އެމެރިކާ އިސްވެ އޮވެ އީރާނާ ދެކޮޅަށް ފެށި އަސްކަރީ އޮޕަރޭޝަން މެދުކަނޑާލުމަށް ނިންމި ދެ ހަފުތާގެ މުއްދަތު އޭޕްރީލް 22 ގައި ހަމަވާއިރު، އެ މުއްދަތު އިތުރު ނުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް އައި ނަމަވެސް، އީރާނުގެ ބަނދަރުތަކަށް ވަންނަ އުޅަނދުތައް ހުއްޓުވާނެ ކަމަށް ބުންޏެވެ.

”އެހެންވީމާ ބްލޮކޭޑް އޮންނާނެ، އަދި އަނެއްކާވެސް ބޮން އަޅަން ފަށަން އަހަރެމެންނަށް މަޖުބޫރުވާނެ،“ ޓްރަމްޕް ބުންޏެވެ.

މި އިންޒާރަށް ރައްދު ދެއްވަމުން، ތުރުކީގައި ބޭއްވި ޑިޕްލޮމެޓިކް ފޯރަމެއްގެ ތެރެއިން އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސައީދު ޚާތިބްޒާދޭ ވަނީ އެމެރިކާގެ ރައީސްގެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ޚާތިބްޒާދޭ ވިދާޅުވީ ޓްރަމްޕަކީ ”މާ ގިނައިން ވާހަކަދައްކާ“ މީހެއް ކަމަށާއި އޭނާގެ ބަޔާންތަކުގައި އެކަތި އަނެކައްޗާ ފުށުއަރާ އެތައް ވާހަކަތަކެއް އެބަހުރި ކަމަށެވެ. އަދި ޓްރަމްޕް އެ ދެއްކި ވާހަކައިގެ އަސްލު މާނައަކީ ކޮބައިކަން ސާފުނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޚާތިބްޒާދޭ އިތުރަށް ވިދާޅުވީ، އެމެރިކާއިން ހަމަލާއެއް ދީފިނަމަ އީރާނުގެ އެންމެ ފަހު ސިފައިންގެ މީހާއާ ހަމައަށްވެސް ގައުމު ދިފާއުކުރުމުގައި ދެމިތިބޭނެ ކަމަށެވެ.