ދަނާލު ޒުވާނާގެ ޒާތީ މައުލޫމާތު ދެވިގެން ނުވާނެ، ދޭން މަޖުބޫރުވީ ޕްރެޝަރު އައިސްގެން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ---

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ދަނާލުގައި ޒުވާނަކު މަރުވި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެ ޒުވާނާގެ ޒާތީ މައުލޫމާތުތަކެއް ހާމަކުރުމަކީ ގޯހެއް ކަމަށާއި ނަމަވެސް އެއީ މަޖުބޫރީ ހާލާތުގައި ކުރެއްވި ކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެންޔޫގައި ކިޔަވަމުންދިޔަ 18 އަހަރުގެ އެ އަންހެން ޒުވާނާ ދަނާލުގައި އޭނާ ދިރިއުޅޭ ކޮޓަރިތެރޭ މަރުވެފައި އޮއްވައި ފެނިފައިވަނީ މި މަހުގެ 20ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ކުއްޖާ މަރުވީ ބުލީގެ ޝިކާރައަކަށްވެގެން ކަމަށާއި މަރުވުމުގެ ކުރިން އެ ކުއްޖާ އެހީތެރިކަން ހޯދަން އެކި ފަހަރުމަތިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެކަމަށް ފުލުހުން ޒިންމާވާންޖެހޭނެ ކަމަށް ބުނެ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ.

އެ ތުހުމަތުތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވަނީ އެ ކުއްޖާ، ފުލުހުންގެ މެންޓަލް ހެލްތު ސަޕޯޓާ ދެއްކި ބައެއް ވާހަކަތައް ލައިވް ޓީވީގައި ހާމަކުރައްވައިފަ އެވެ. އެއާއެކު ވަރަށް ގިނަ އާންމު ރައްޔިތުންނާއި ނަފުސާނީ ސިއްހަތުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގަައި އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ އެ މައްސަލައިގައި ހާމަކުރި މިންވަރު ހާމަކުރީވެސް މަޖުބޫރު ވެގެން ކަމަށާއި ނަމަވެސް އެއީކީވެސް ރަނގަޅު ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

”އެވެސް ނުދީވާނެ ގޮތްވާންޖެހޭނެ އަޅުގަނޑުމެންގެ ތެރެއިން އެ އަންނަ ޑިމާންޑް އަންނަނީ ގޯސްކޮށް ކަމެއް ކޮށްފައޭ މި އޮންނަނީ ކޮންމެސް މީހަކު. އެކަމާ ހަވާލުވެފައި ހުރި މީހާ ނޫނިއްޔާ އޭނާގެ ދަށުން މަސައްކަތްކުރި މީހާ. ކޮންމެސް މީހަކު ގޯސް ހަދައިފި. ފުރަތަމަ ވެސް ގޯސް ހެދިކަމަށް މި ނިންމަނީ… ނިންމީމަ ވާގޮތަކީ އެ މަސައްކަތް ކުރަން ހުންނަ ކުއްޖާ، ނުވަތަ އާދައިގެ ވަޒީފާގައި ހުންނަ ކުއްޖާ، އޭނާ ގޯހެއް ނަހަދާ ކަމަށްވާނަމަ އޭނަ ވަރަށް ބޮޑު ޕްރެޝަރަކަށް އެބަދޭ. ދެން އޭނަގެ އާއިލާ އެކަމުގެ ސަބަބުން ނުރައްކަލަކަށް އެބަދޭ. މިކަހަލަ ސިޗުއޭޝަނެއްވެސް އެބަ އާދޭ، އެ އޭންގަލްއަށްވެސް ބަލަންޖެހޭ“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ދަނާލް ޒުވާނާގެ މައްސަލައިގައި އެއްވެސް މައުލޫމާތެއް ނުދީ ވާންޖެހޭނެ ކަމަށާއި ނަމަވެސް ހާމަކުރި މިންވަރަށް ހާމަކުރީވެސް އެ މައްސަލައިގައި މަސައްކަތްކުރި ފަރާތްތަކަށް އަމާޒުވި އިލްޒާމްތަކާއި ސޯޝަލް މީޑިއާގައި ފަތުރަމުންދިޔަ ބައިވަރު ވާހަކަތަކުގެ ސަބަބުން ކަމަށެވެ.

”އެކަމު އެވެސް އަސްލު ދީގެންވާނެ [މައުލޫމާތެއް ނޫން]. އިންޓަނޭޝަނަލް މިންގަނޑުތަކުގައި ކަމުދާކަމެއް ނޫންއެއީކީ. މި ޕްރޮފެޝަންގައި މަސައްކަތްކުރާ ބޭފުޅުންވެސް ގަބޫލުކުރާ ކަމެއް ނޫން. އަދި އަޅުގަނޑު ވެސް ގަބޫލެއްނުކުރަން އެ ކަން ގޮތަށް ކުރަންޖެހޭނެ ކަމަކަށް. އެ މައުލޫމާތު ދީގެން ވާނެ ކަމަކަށް. އެކަމަކު ދޭންޖެހޭ މިންވަރަށް ދޭންޖެހުނީވެސް ނުވަތަ ދޭން މަޖުބޫރުވީވެސް އެ ޕްރެޝަރު އައިސްގެން ވަރަށް ބޮޑަށް“ ރައީސް ވިދާޅުވި އެވެ.