އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާއެއްގައި މާލޭގެ މޭޔަރު އާދަމް އާޒިމަށް، ހަމަލާދިން މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
މިމަހުގެ 25 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން އާޒިމަށް ހަަމަލާދިން މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، ގ. އީރީ، އަބްދުﷲ މުއާޒް (35އ) އެވެ.
ފުލުހުން އޭނާއަށް ކުރަނީ ޖެހުމުގެ ކުށުގެ ތުހުމަތެވެ. ފުލުހުން ވަނީ މުއާޒް ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް މިއަދު ހާޒިރުކޮށްފައެވެ. ކޯޓުން އަމުރުކޮށްފައިވަނީ މުއާޒް 15 ދުވަހަށް ބަންދުކުރުމަށެވެ.
އޭނާ ކޯޓަށް ހާޒިރުކޮށް ފުލުހުން ވަނީ ސީސީޓީވީ ސްނެޕް ޝޮޓްތަކާއި، އިންޓެލިޖެންސް ރިޕޯޓެއްގެ އިތުރުން މުއާޒް ހައްޔަރުކުރި ފުލުހުންގެ ބަޔާންތައް ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ.
ކޯޓުގައި މުއާޒް ބުނީ މޭޔަރު ކައިރިއަށް ދިޔައީ ވާހަކަ ދައްކަން ކަމަށާއި މުޒާހަރާގެ ބައިވެރިން އޭނާއަށް ހަމަލާދިން ކަމަށެވެ.
ކޯޓު އަމުރުގައިވާ ގޮތުން، މުއާޒަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.









