ވައިޓް ހައުސް ކަރެސްޕޮންޑެންޓްސް ޑިނާގެ ތެރެއަށް ވަދެ ބަޑި ޖެހި މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތު އުފުލައިފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަަނީ ކެލިފޯނިއާއަށް އުފަން އުމުރުން 31 އަހަރުގެ ކޯލް ތޯމަސް އެލަން ނަމަކަށް ކިޔާ މީހެކެވެ. މާސްޓާސް ޑިގްރީއެއް އޮތް އެ މީހާއަކީ ކެލިފޯނިއާގެ ޓިއުޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ.
އޭނާ އިއްޔެ ވޮޝިންޓަން ޑީސީގެ ކޯޓަށް ހާޒިރުކުރުމުން، ޓްރަމްޕް އަވަހާރަކޮށްލަން އުޅުނުކަމުގެ ދައުވާގެ އިތުރުން ހަތިޔާރާ ގުޅޭ ދެ ކުށެއްގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ. ނަމަވެސް އެއްވެސް ދައުވާއަކަށް އޭނާ އިއުތިރާފުވެފައެއް ނުވެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކޯޓުގެ އަޑުއެހުމުގައި އެލަން ފެނިގެން ދިޔައީ ވަރަށް މަޑުމައިތިރިކޮށެވެ. އެގޮތުން ފަނޑިޔާރު ކުރެއްވި ގާތްގަނޑަކަށް ހުރިހާ ސުވާލަކަށް އޭނާ ޖަވާބު ދިނީ ވަރަށް މަޑުމައިތިރި އަޑަކުން ”ޔެސް، ޔޯ އޮނާ“ ނުވަތަ ”ނޯ، ޔޯ އޮނާ“ މިފަދައިން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަންގެ ފަރިއްކޮޅުގެ ސަލާމަތީ ފާސްކުރާ ސަރަހައްދުން އޭނާ ދުވެފައި ދިޔައިރު، އޭނާގެ އަތުގައި ސެމީ އޮޓޮމެޓިކް ފިސްތޯލައަކާއި ޕަމްޕް-އެކްޝަން ޝޮޓްގަންއެއްގެ އިތުރުން ތިން ވަޅި އޮތެވެ.
އޭނާގެ މައްޗަށް މި ކުށްތައް ސާބިތުވެއްޖެ ނަމަ، އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.









