ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ޒިނޭގެ ދޮގު ތުހުމަތުތަކެއް ފެތުރި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން އެހެން ވިދާޅުވީ ރައީސް މުއިއްޒަށް ޒިނޭގެ ތުހުމަތުކޮށް ’އައިޝާ‘ ގެ ނަމުގައި ’އަދަދު‘ ނޫހުން ދެއްކި ޑޮކިއުމަންޓްރީއެއްގެ މައްސަލަ ފުލުހުން ބަލަން ފެށުމުންނެވެ. އެ މައްސަލައިގައި ފުލުހުން ރޭ ވަނީ އަދަދު ހިންގާ އޮފީސް އިމާރާތް ރެއިޑްކޮށް ބައެއް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އިހުސާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަދަދު ނޫހުގެ މައި އޮފީސް ރެއިޑްކޮށް، ޖިނާއީ ކަމެއްގެ ގޮތުގައި ތަހުގީގު ކުރުމަކީ ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވާ ފުރިހަމަ ހައްގެއް ކަމަށާއި އަދި އެއީ އެ މުއައްސަސާގެ ވާޖިބެއް ކަމަށެވެ.
އަދި ގާނޫނުއަސާސީން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭއިރު، މިއީ އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައިވާ މިނިވަންކަމެއް ނޫން ކަމަށާއި ވަކި ހުދޫދެއް ނެތި، މީހެއްގެ އިއްޒަތާއި އަބުރަށް އުނިކަން އަންނަ ފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ނަމުގައި ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
’އައިޝާ‘ ގެ ނަމުގައި ’އަދަދު‘ ނޫހުން ޑޮކިއުމަންޓްރީއެއް އާންމުކުރިތާ މަހެއް ވެގެންދިޔަ ނަމަވެސް ފުލުހުން އެ މައްސަލަ ބަލަން ފަށާފައި ނުވާއިރު، އެކަން ފުލުހުން ތަހުގީގު ކުރަން ފަށާފައި މިވަނީވެސް އެ މަނިކުފާނުގެ މައްޗަށް ގަޒުފުގެ ތުހުމަތުކޮށް އަދަދު ނޫހުން ހަދާފައިވާ ޑޮކިއުމެންޓަރީގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމަށާއި އެކަމުގައި ދައުވާކުރުމަށް ފިޔަވަޅު އަޅައި ދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެމަނިކުފާނު އެދިވަޑައިގެންނެވިތާ 24 ގަޑިއިރުވެސް ނުވަނީސް އެވެ.









