އަދަދު ނޫހަށް އަޅާ ފިޔަވަޅުތަކާ ގުޅިގެން އިނގިރޭސި ސަފީރު ކަންބޮޑުވުން ފާޅުކުރައްވައިފި 

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި އިނގިރޭސިވިލާތުގެ ސަފީރު ނިކް ލޯ -- ފޮޓޯ: ފޮރިން މިނިސްޓްރީ

އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ ބަލައި ފާސްކުރި މައްސަލައިގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ނިކް ލޯ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އަދަދު ނޫހުގެ އޮފީސް ފުލުހުން ރޭ ފާސްކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު އާންމުކުރި ”އައިޝާ“ ޑޮކިއުމެންޓަރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ވަނީ ތަހުގީގަށް ބޭނުންވާ ބައެއް އިލެކްޓްރޯނިކް ސާމާނުތައް ވެސް ގެންގޮސްފައެވެ.

އެ މައްސަލައިގައި އިނގިރޭސި ސަފީރު ނިކް ލޯ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދަދު ނޫހަށް ފުލުހުން ވަން ކަމުގެ ރިޕޯޓުތަކާ މެދު ކަންބޮޑުވާ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭ ކަންބޮޑުވުންތައް އިނގިރޭސިވިލާތުން ތަކުރާރުކޮށް ފާޅުކުރަމުންދާ ކަމަށެވެ.

”މި ފިޔަވަޅު ދިމާވަނީ ކޮމަންވެލްތުގެ މިންގަނޑުތަކަށް ރާއްޖެއިން ވެފައިވާ އިލްތިޒާމާ ފުށުއެރުމާ. މިނިވަން އަދި މުސްތަގިއްލު މީޑިއާއަކީ ދުޅަހެޔޮ ޑިމޮކްރެސީއަކަށް ކޮންމެހެން ބޭނުންތެރި އެއްޗެއް،“ ސަފީރު ނިކް ލޯ ވިދާޅުވިއެވެ.

އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓަރީގެ މައްސަލައިގައި ފުލުހުން ވަނީ ތިން މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ. އެއީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދު އަދި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރާފައިވާ އީޝާ އަޝްރަފްގެ ޕާސްޕޯޓެވެ.

އަދަދު ނޫހުން ނެރެފައިވާ އެ ޑޮކިއުމެންޓަރީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް އަމާޒުކޮށްފައިވީ ނަމަވެސް، އެ މަނިކުފާނު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. އަދި އަދަދު ނޫހަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވާ އިރު، ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އަދަދު ނޫހަށް ވަދެ ބަލައި ފާސްކޮށްފައެވެ.