މަސްތުވާތަކެތީގެ ދެބަސްވުމެއްގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި، އެކަކު ހައްޔަރަށް 

މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން އައްޑޫ ސިޓީ ހުޅުމީދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމީދޫ ހެލްތު ސެންޓަރަށް ގެންދިޔަ މީހަކަށް ބޮޑު އަނިޔާއެއް ވެފައިވާ މައްސަލައެއް މިއަދު މެންދުރުފަހު 13:50 ހާއިރު އެ ހެލްތު ސެންޓަރުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާ އިރު، އެ މީހާއަށް އަނިޔާވެފައިވަނީ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުންނެވެ. އެ މާރާމާރީއަކީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ހިނގި ކަމެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މާރާމާރީގައި އަނިޔާވި އުމުރުން 39 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 44 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.