ކާކުކަން ނޭނގޭ ގޮތަށް އަދި އަޑު ބަދަލުކޮށްގެން ދައްކާފައިވާ ވާހަކަތަކެއް ހިމަނައިގެން އަދަދުން ހެދި ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު މިއަދު ފުލުހަށް ހާޒިރުކޮށްފި އެވެ.
ހަސަން ފުލުހަށް ހާޒިރުކުރަން އެންގީ އަދަދުގެ ޑޮކިއުމެންޓްރީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުގެ ތުހުމަތުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ފުލުހުންގެ ތަހުގީގަށް ބަޔާން ދިނުމަށްފަހު، ހަސަންގެ ވަކީލް ސައްޔާހު ހަލީލް މީޑިއާތަކަށް ވިދާޅުވީ ހަސަންގެ މައްޗަށް ކުރަނީ އަދަދު ނޫހުން އައިޝާ ނަމުގައި ޑޮކިއުމެންޓްރީއެއް ހެދުމުގައި ބައިވެރިވުން އޮތް ކަމުގެ ތުހުމަތު ކަމަށާއި ނަމަވެސް، ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެ ފާޅުކުރާ ހިޔާލުގެ މަސްދަރު ހާމަނުކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއްކަން ތަހުގީގުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ.
އެހެންވެ، އެ ތުހުމަތުތަކަށް އިންކާރުކޮށް ތަހުގީގުގައި ހަސަން ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
ހަސަންގެ މައްޗަށް ކުރާ ޖިނާއީ ތުހުމަތުތައް
- މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް
- މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް
- ގަޛްފުގެ ކުށް
- ކުށެއް ކުރުމަށް އެދުން
- ކުށެއް ކުރުމަށް ރޭވުން
މި މައްސަލައިގައި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ މިއަދު މެންދުރު 02:30 އަށް ފުލުހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.









