ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް!

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ---

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.

ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ބަލައި ރިޕޯޓާސް ވިތައުޑް ބޯޑާސް އިން ކޮންމެ އަހަރެއްގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް އާންމުކުރާ ’ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް’ގެ މި އަހަރުގެ ރިޕޯޓު މިއަދު އާންމުކޮށްފައިވާއިރު، އެ ރިޕޯޓުގައި ރާއްޖެ އޮތީ 108 ވަނައިގަ އެވެ. އެއީ މިދިޔަ އަހަރަށްވުރެ 4 ދަރަޖަ ދަށް ވަނައެކެވެ.

މީގެ އިތުރުން، ރާއްޖޭގެ ޖުމްލަ ސްކޯ ވެސް ވަނީ 52.46 އިން 49.23 އަށް ދަށަށް ގޮސްފަ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ވެއްޓުނު ސަބަބުތަކުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހެދި ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް މާއްދާއެއް ހިމެނުމާއި މި ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން މީޑިއާތައް ރެގިއުލޭޓްކުރުމުގެ ނަމުގައި ކޮންޓްރޯލްކުރުމަށް ގާނޫނެއް ހެދުން ހިމެނެ އެވެ.

އޭގެ އިތުރުން ހާމަކަންކުޑަ ގޮތަކަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މީޑިއާތަކަށް ފައިސާ ދިނުމުގެ ސަބަބުން މީޑިއާތަކުގެ މިނިވަންކަމަށް ސީރިއަސް މައްސަލަތަކެއް ކުރިމަތިވަމުން ދިއުންވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.