މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް ގއ. ދެއްވަދޫ / ދޭލިޔާގެ، މުހައްމަދު އަނަސް އައްޔަންކޮށްފިއެވެ.
ޕީސީބީން ބުނީ މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް މިއަދުން ފެށިގެން އަނަސް އައްޔަންކޮށްފައިވާ ކަމަށެވެ.
މިފްކޯގެ ސީއީއޯ އަދި އެމްޑީގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު މި މަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަނަސް އެންމެ ފަހުން ހުންނެވީ ޕީސީބީގެ ރައީސްކަމުގެ މަގާމުގައެވެ. އެ މަގާމުން އަނަސް އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޕީސީބީގެ ރައީސްކަމަށް މއ. ޔެލޯބެލް، މުހައްމަދު ނިޒާރު އައްޔަންކުރައްވައިފައެވެ.
އަނަސް އަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމާއި، ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކާއި، އަދި މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގެ ދާއިރާއިން ތަޖުރިބާކާރު، މާލީ އަދި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގެ ފަންނީ ބޭފުޅެކެވެ. މީގެ ކުރިން ޕީސީބީގެ ރައީސް ކަމުގައި ހުންނެވި އިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ބަލައި މޮނިޓާކުރުމުގެ އިސް ޒިންމާތައް އަނަސް ވަނީ އުފުއްލަވައިފައެވެ.
އަނަސް ވަނީ ސަރުކާރުގެ އިސް އެކި މަގާމުތަކެއް ފުރުއްވައިފައެވެ. އެގޮތުން، ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނަވައި، އެ މިނިސްޓްރީގެ ޑެބްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް އިސްކޮށް ހިންގަވައި، ގައުމީ ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކާއި ރިސްކް މެނޭޖްމަންޓް އޮނިގަނޑުތައް އެކުލަވައިލުމުގައި މުހިންމު ދައުރެއް ވަނީ އަދާކުރައްވައިފައެވެ. އޭގެ އިތުރުން، ދައުލަތުގެ ދަރަނި މެނޭޖުކުރުމުގެ ސްޓްރެޓެޖީތައް ފަރުމާކުރުމާއި، ދަރަންޏާ ގުޅޭ ބުލެޓިންތައް ތައްޔާރުކުރުމާއި، އަދި ރާއްޖެއިން ސޮވެރިން ބޮންޑު ދޫކުރުމުގެ މަސައްކަތްތަކުގައި ވެސް އަނަސް އިސްކޮށް ބައިވެރިވެވަޑައިގެންފައިވެއެވެ.
ކޯޕަރޭޓް އަދި ތައުލީމީ ދާއިރާއަށް ބަލާއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮޑިޓް މެނޭޖަރުގެ މަގާމުގައި ހުންނަވައި، ރިސްކް މެނޭޖްމަންޓާ ގުޅޭ ކަންކަން ބަލަހައްޓަވާފައިވެއެވެ. އަދި މޯލްޑިވްސް ބިޒްނަސް ސްކޫލްގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވެއެވެ. އޭނާގެ ކެރިއަރުގެ ކުރީކޮޅު، ފިނޭންސް މިނިސްޓްރީގެ ޑެބްޓް މެނޭޖްމަންޓް ޑިވިޝަންގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަގާމުގައި ހުންނަވައި، ސަރުކާރުގެ މަޝްރޫއުތަކުގެ މާލީ ދިރާސާތައް ކުރުމާއި ސިޔާސަތުތައް އެކުލަވައިލުމުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ.
ތައުލީމީ ގޮތުން ބަލާ އިރު، އަނަސް ވަނީ ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިފައެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ހާޓްފޯޑްޝަޔާ އިން އެކައުންޓިން ދާއިރާއިން ފަސްޓް ކްލާސް އޮނާސްއާއެކު ބެޗްލާ އޮފް އާޓްސް ހާސިލުކުރައްވާފައިވެއެވެ. އޭގެ އިތުރުން، ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން އިންތިޒާމުކުރި، ދައުލަތުގެ ދަރަނި މެނޭޖުކުރުމާއި އިގުތިސާދީ ދިރާސާކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމްތަކާއި ފޯރަމްތަކުގައި އަނަސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.









