ފޯކައިދޫ ޕޮލިހުގެ ވެރިޔާގެ ސައިކަލުގައި ރޯކޮށްލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ

ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖުގެ ސައިކަލުގައި ރޯކޮށްލާފައި --

ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖުގެ ސައިކަލުގައި ގަސްދުގައި ރޯކޮށްލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން ބުނީ އެޕްރީލް 27 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު ފޯކައިދޫގައި ސައިކަލެއްގައި ރޯކޮށްލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ސައިކަލަކީ ފޯކައިދޫ ޕޮލިސް ސްޓޭޝަންގެ އިސްވެރިޔާ ދިރިއުޅޭ ގެ ކައިރީ ބަހައްޓާފައި ހުރި އޭނާގެ ސައިކަލެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ތަހުގީގުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާ އިރު، އެއީ ފުލުސް އޮފިސަރަށް އަމާޒުކޮށްގެން ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ. އެ ހާދިސާގައި ސައިކަލު ބޭނުންނުކުރެވޭ ވަރަށް އަންދާލާފައިވާ އިރު، އެ ގޭގެ ގޭޓު ހިމެނޭހެން ގޭގެ ބައެއް ސަރަހައްދުތަކަށް ގެއްލުންވެފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނަށް އަމާޒުކޮށް ހިންގާ ބިރުދެއްކުމުގެ އެފަދަ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެއީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އެފަދަ ފިނޑި އަމަލުތަކުގެ ސަބަބުން ގާނޫނު ތަންފީޒުކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށާއި ފުލުހުންނަށް އަނިޔާކުރުމާއި ބަދަލުހިފުމުގެ ރޫހުގައި ހިންގާ ކޮންމެ އަމަލަކާ މެދު ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ފުލުހުންގެ ބަޔާނުގައި ދީފައިވެއެވެ.