މަގުމަތީގެ އެކްސިޑެންޓްތައް މިދިޔަ އަހަރަށްވުރެ، މިއަހަރުގެ އޭޕްރީލް މަހު 12 އިންސައްތަ އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޭޕްރިލް މަހު ޖުމްލަ 874 މައްސަލައެއް ފުލުހަށް ރިޕޯޓްކޮށްފައިވާ އިރު، އޭގެ ތެރެއިން އެންމެ ގިނައީ މަގުމަތީގެ އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން 2026 ވަނަ އަހަރުގެ އޭޕްރިލް މަހު 240 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެއެވެ.
އެއީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރިޕޯޓްކުރި 213 އެކްސިޑެންޓާ އަޅައިބަލާއިރު 12.7 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް، މާޗު މަހު ރިޕޯޓްކުރި 270 އެކްސިޑެންޓާ އަޅައިބަލާ އިރު، އޭޕްރިލް މަހު ހިނގި އެކްސިޑެންޓްތަކުގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.
ފުލުހުން ބުނާ ގޮތުގައި، މިދިޔަ މަހު ރިޕޯޓްކުރި އެހެނިހެން ކުށްތަކުގެ ތަފްސީލަށް ބަލާއިރު، ވައްކަމުގެ 236 މައްސަލައަކާއި، މަސްތުވާތަކެތީގެ 169 ހިމެނެއެވެ. އޭގެ އިތުރުން އެއްޗެހި ގެއްލިގެން 75 މައްސަލަ، މާރާމާރީގެ 37 މައްސަލަ، މުދަލަށް ގެއްލުން ދިނުމުގެ 37 މައްސަލަ، ޖިންސީ ކުށްތަކުގެ 24 މައްސަލަ، އަދި ގެވެށި އަނިޔާގެ 22 މައްސަލަ ވެސް ލިބުނުކަމަށް ފުލުހުން ބުނެއެވެ. އަދި ހިޔާނާތުގެ 16 މައްސަލައާއި، ފޭރުމުގެ 16 މައްސަލައިގެ އިތުރުން، ލިޔެކިޔުން އޮޅުވާލުމުގެ ދެ މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ފުލުހަށް ހުށަހަޅާފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޖުމްލަ 3,076 މަގުމަތީ އެކްސިޑެންޓް ހިނގާފައިވާ އިރު، މިއަހަރުގެ މިހާތަނަށް އެކަނިވެސް 1,064 އެކްސިޑެންޓް ވަނީ ހިނގާފައެވެ. މިއީ އަހަރުގެ ދެބައިކުޅަ އެއްބައި ވެސް ނުވަނީސް ރިޕޯޓްކޮށްފައިވާ މަތީ އަދަދެކެވެ. ފުލުހުން ފާހަގަކުރާ ގޮތުގައި މާލެ ސަރަހައްދުގައި އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގަނީ ސިނަމާލެ ބްރިޖާއި ހުޅުމާލެ ހައިވޭގައެވެ.









