ރާއްޖޭގެ ސިއްހީ ދާއިރާ އާ އުސްމިންތަކަކަށް ގެންދިއުމަށް އެސްޓީއޯ އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޖަރުމަނުގެ ”ބޭޔާ“ ފާމަސޫޓިކަލް އުފެއްދުންތައް އެސްޓީއޯ ހެލްތްކެއާ އިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
ބޭޔާއަކީ ޖަރުމަނުގެ މަލްޓިނޭޝަނަލް ފާމަސޫޓިކަލް އަދި ބަޔޯޓެކްނޮލޮޖީ ކުންފުންޏެކެވެ. އަދި މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ފާމަސޫޓިކަލް އަދި ބަޔޯމެޑިކަލް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ.
ބޭޔާ ފާމަސޫޓިކަލްގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފުކޮށްފައިވަނީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ސިއްހީ ދާއިރާގެ މާހިރުންނަށް ހާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން ހިތުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކާއި ހޯމޯންގެ ބަލިތަކުގެ އިތުރުން އަންހެނުންގެ ސިއްހަތާ ގުޅުންހުރި އާ ފަރުވާތަކާ ގުޅޭގޮތުން މި ތަމްރީން ޕްރޮގްރާމުގައި މައުލޫމާތު ބަދަލުކުރެވުނެވެ.
އެސްޓީއޯ އިން ބުނީ، ބޭޔާގެ އުފެއްދުންތަކަކީ ސައިންޓިފިކް ދިރާސާތަކުން ކާމިޔާބުކަން ސާބިތުވެފައިވާ އުފެއްދުންތަކެއް ކަމަށާއި އަދި އެ ކުންފުނީގެ ބޭސްތައް ރާއްޖެއަށް ތައާރަފުކުރީ އެމްއެފްޑީއޭގެ ހަރުދަނާ އުސޫލުތަކުގެ ތެރެއިން ރަޖިސްޓްރީކޮށްގެން ކަމަށެވެ.
މީގެ އިތުރުން، އެސްޓީއޯ ހެލްތުކެއާ އާއި ބޭޔާ ކުންފުނީގެ މި ގުޅުމަކީ ރާއްޖޭގެ ގައުމީ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ލިބުނު ބޮޑު ބާރެއް ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.








