ސަލްޓަން ޕާކު މަރާމާތަށް ވަކި ވަގުތުތަކަކަށް ބަންދުކުރަން ނިންމައިފި

ސަލްޓަން ޕާކުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށްދާތީ، މިއަދުން ފެށިގެން ވަކި ވަގުތުތަކެއްގައި ޕާކު އާންމުންނަށް ބަންދުކުރާ ގޮތަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސަލްޓަން ޕާކު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތަކެއް ހުރުމުން، އެ ވަގުތުތަކުގައި ޕާކު ބަންދުކުރަނީ މަރާމާތުގެ މަސައްކަތްތައް ހަލުވިކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި ކަމަށެވެ.

އެ މަސަައްކަތަށް ކޮންމެ ދުވަހެއްގެ ހަވީރު 6:00 އިން ފެށިގެން ސަލްޓަން ޕާކު ބަންދުވާނެ ކަމަށާއި ޕާކު ބަންދުކުރަން ޖެހުމުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސަލްޓަން ޕާކަކީ ވަރަށް ބޮޑަށް ވީރާނާވެފައި ވަނިކޮށް، ބޮޑު މަރާމާތަކަށް ފަހު މިއަހަރުގެ މާޗު މަހު ފިތުރު އީދާ ދިމާކޮށް އަލުން ހުޅުވި ތަނެކެވެ. ނަމަވެސް ހުޅުވިތާ ދެ މަސް ނުވަނީސް އަނެއްކާވެސް މަރާމާތަށް ވަކި ވަގުތުތަކެއްގައި ބަންދުކުރަން ޖެހުނީއެވެ. މީގެ ކުރިން މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ތިން މަސް ދުވަހަށް ޕާކު ބަންދުކުރި އިރު، 2024 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ވެސް ޕާކުގެ ބައެއް ސަރަހައްދުތައް އޮތީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ.

ސަލްޓަން ޕާކަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މިހާރު އޮތް ފެންވަރަށް ތަރައްގީކުރެއްވި ތަނެކެވެ. ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ސަލްޓަން ޕާކު އަލުން ތަރައްގީކުރަނީ ދިވެހިންގެ އައިޑެންޓިޓީ އާއި ރާއްޖޭގެ ތާރީހު ފެންނާނެ ގޮތަށެވެ. އަދި ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ގިނަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.