ފޭސްބުކް މެދުވެރިކޮށް ގުޅުން އުފައްދައިގެން މީހެއްގެ އެކައުންޓުން ބައި ލައްކަ ރުފިޔާ ފޭރިގެންފި

ވައިބަރ މެދުވެރިކޮށް ފޮނުވި ލިންކެއް ބޭނުންކޮށްގެން، މީހެއްގެ ބޭންކު އެކައުންޓުން 50,000 ރުފިޔާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ، މޫސާ މުޙައްމަދު (38އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 2 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މި ސްކޭމް ހިންގަން ފަށާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ. ތުހުމަތުކުރެވޭ މޫސާ މުޙައްމަދު ވަނީ ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދާފައެވެ.

އޭގެ ފަހުން، ވައިބަރ މެދުވެރިކޮށް އޭނާ ފޮނުވި ލިންކަކަށް ވިކްޓިމް ފިތައިލުމާއެކު، އޭނާގެ ފޯނު ރީސެޓުވެ، އެކައުންޓުގައި ހުރި 50,000 ރުފިޔާ ވަނީ ކެނޑިފައެވެ. ފުލުހުން ބުނި ގޮތުގައި މި ފައިސާ ޖަމާވެފައި ވަނީ ސީދާ މޫސާ މުޙައްމަދުގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓަށެވެ.

މިފަދަ ސްކޭމްތައް ރާއްޖޭގައި އިތުރުވަމުންދާތީ، ނުދަންނަ ފަރާތްތަކުން ފޮނުވާ ޝައްކުކުރެވޭ ލިންކުތަކަށް ނުފިތުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ގުޅުން އުފައްދައިގެން ހިންގާ މިފަދަ ޖަރީމާތަކަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އެދެއެވެ.