އޮރިޔާން ކާޑު ހައްދައި، ބްލެކްމެއިލް ކުރި އަންހެނަކު ހަ އަހަރަށް ޖަލަށް

މަރްޔަމް ރިޔާސާ، މާލެ / ގ. ސައުތުބްރީޒް ---

އޮރިޔާން ކާޑު ހަދައި، ބްލެކްމެއިލް ކުރި އަންހެނަކު ހަ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ދެ މައްސަލަ ސާބިތުވެ، ޖަލަށްލާން ހުކުމްކޮށްފައިވަނީ ގ. ސައުތުބްރީޒް/ މަރިޔަމް ރިޔާސާ އެވެ.

އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ، ބްލެކްމެއިލް ކުރުމުގެ ކުށުގެ ދައުވާއަކާއި އޮރިޔާންކާޑު ހެއްދުވުމުގެ ކުށުގެ ދައުވާއެކެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ރިޔާސާގެ މައްޗަށް ދައުލަތުން އުފުލި އެ ދެ ދައުވާއަށްވެސް އޭނާ ޝަރީއަތުގައި އިއުތިރާފުވެފައިވާ ކަމަށެވެ. އިއުތިރާފު ވެފައިވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށްފަހު އެވެ. އެހެންވެ ދެ މައްސަލައިން ކުރެ ކޮންމެ މައްސަލައެއްގައިވެސް އިއްވާފައިވަނީ ތިން އަހަރުގެ ހުކުމެކެވެ.

މި ދެ މައްސަލަވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އާއްމުކޮށް ހުޅުވައި ނުލަ އެވެ. އެހެންކަމުން ކޭސްގެ ތަފުސީލެއް ލިބޭ ގޮތެއް ނުވެ އެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި ފުލުހުން މީގެ ކުރިން ވަނީ މަކަރާއި ހީލަތުގެ މައްސަލައެއްގައި ރިޔާސާ ފިލައިގެން އުޅެތީ އޭނާ ހޯދަންވެސް އިއުލާންކޮށްފަ އެވެ.