ސީއެންއެންގެ ބާނީ، ޓެޑް ޓާނާ އުމުރުން 87 އަހަރުގައި ނިޔާވެއްޖެ

ޓެޑް ޓާރނާ. ފޮޓޯ- ސީ އެން އެން

ސީއެންއެންގެ ބާނީ، ޓެޑް ޓާނާ އުމުރުން 87 އަހަރުގައި ނިޔާވެއްޖެއެވެ.

ޓެޑް ޓާނާ ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު އެމެރިކާގެ އެޓްލާންޓާގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ނިޔާވީ އެއްވެސް ތަކުލީފެއް ނެތި، އާއިލާގެ މީހުން ކައިރީގައި ތިއްބައި ވަރަށް އަމާންކޮށް ކަމަށެވެ.

ޓެޑް ޓާނާ އަކީ 1980 ވަނަ އަހަރު ދުނިޔޭގެ އެންމެ ފުރަތަމަ 24 ގަޑިއިރު ހަބަރު ފަތުރާ ޗެނަލްގެ ގޮތުގައި ސީއެންއެން އުފެއްދެވި ބޭފުޅާއެވެ. އޭނާ އެ މަސައްކަތް ފެށި ދުވަސްވަރު މީޑިއާ ދާއިރާގެ ގިނަ ބަޔަކު އެއީ ކާމިޔާބުވާނެ ކަމެއް ނޫން ކަމަށްބުނެ މަލާމާތް ކުރި ނަމަވެސް، އޭނާ ވަނީ ޓީވީ ނޫސްވެރިކަމަށް މުޅިން އާ އިންގިލާބެއް ގެނެސްފައެވެ.

މީގެ އިތުރުން އޭނާއަކީ އދ. ގެ މަސައްކަތްތަކަށް އެހީތެރިވުމަށް ”ޔުނައިޓެޑް ނޭޝަންސް ފައުންޑޭޝަން“ މެދުވެރިކޮށް އެއް ބިލިއަން ޑޮލަރު ހަދިޔާކުރެއްވި މަހުޖަނެއްގެ ގޮތުގައިވެސް މަޝްހޫރު ބޭފުޅެކެވެ. ވިޔަފާރީގެ އިތުރުން ޓާނާ އަކީ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ލޯބިކުރެއްވި، އަދި ކުޅިވަރުގެ ދާއިރާގައިވެސް، ހާއްސަކޮށް އެޓްލާންޓާ ބްރޭވްސްގެ ވެރިޔާގެ ހައިސިއްޔަތުން ބޮޑެތި ކާމިޔާބީތަކެއް ހޯއްދެވި ބޭފުޅެކެވެ.

އޭނާ ނިޔާވުމާ ގުޅިގެން މީޑިއާ ދާއިރާގެ އެކި ފަރާތްތަކުންނާއި ދުނިޔޭގެ ލީޑަރުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.