ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދައްކަވާ އިރު، އެ ވެރިކަމުގައި ނޫސްވެރިންނާ މެދު ކަންކަން ކުރަންވީ ގޮތް އެނގޭ ކަމަށާއި އެ އުޅެނީ އަމިއްލަ އެދުމައިގެން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ޕީއެންސީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނުސީދާ ރައްދެއް ދެއްވައިފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އއ. ހިމަންދޫން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ހީކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަބުރުފުޅު ކަތިލުމުގެ މަސައްކަތް މިހާރު އެ އުޅެނީ ފަށައިގެން ކަމަށެވެ.
ރައީސް މުއިއްޒަކީ ވާދަވެރިން ކިޔާ ފާޑުކިޔުމަށް ޒާތީގޮތުން ރައްދުދެއްވާ ބޭފުޅެއް ނޫން ކަމަށާއި އެ މަނިކުފާނު ރައްދުދެއްވާނީ އަމަލުން، ނަތީޖާއިން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
”ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދައްކާ އިރު، އަޅުގަނޑުމެން ދުށީމޭ އަޅުގަނޑުމެން ނިސްބަތްވާ ވެރިކަމެއް ހިނގަމުންދިޔަ އިރު، ނޫސްވެރިންނާ ދޭތެރޭ ކަންތައްތައް ކުރެއްވި ކުރެއްވި ގޮތް. އެކަމަކު މިއަދު އެބޭފުޅުން ނުކުމެވަޑައިގެން ނޫސްވެރިންނަށް ތަންމިނަށް މިނިވަންކަން ދޭންވާނެއޭ ކިޔާފައި ވާހަކަ ދައްކަމުން ދާން ފެށީމާ އަޅުގަނޑުމެން އެބަޖެހޭ އެކަމާ ދޭތެރޭގައި ވިސްނާލަން. އެ އުޅެނީ ހަމަ ގައުމަށް ހެޔޮ އެދިގެންތޯ، އެ އުޅެނީ ހަމަ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައިތޯ، އެ އުޅެނީ ހަމަ ހަގީގަތުގައި ވެސް ނޫސްވެރިންނަށް މިނިވަންކަން ދޭންތޯ. ނޫން ނޫން އެއްގޮތަކަށް ވެސް އެހެނެއް ނޫން އެ އުޅެނީ، އެ އުޅެނީ އަމިއްލަ އެދުމައިގެން،“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ނުކުރާންވީ ކަމަކީ ބޭކާރު ކަންކަމަށް ވަގުތު ހޭދަނުކުރަންވީ ކަމަށާއި ބޭކާރު ވާހަކަތައް އަޑުނާހަންވީ ކަމަށެވެ. އަދި ޕީއެންސީގެ ތެރޭގައި އޮތް ބަދަހިކަން ފެނިފައި، އެ ޕާޓީގެ ލަޝްކަރުގެ ވަރުގަދަކަން ފެނިފައި ބައިބައިކޮށް، ފިތުނަފަސާދަ އުފައްދަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާނެކަން ގަބޫލުކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
”އެކަން ދަނެ ތިބެގެން އަޅުގަނޑުމެން މަސައްކަތްކުރަންވީ. އަޅުގަނޑުމެން މި ޕާޓީއަކީ، ކޮންގްރެސް ޕާޓީއަކީ އެހެން ބައިބައި ކޮށްލެވޭ ވަރުގެ ޕާޓީއެއް ނޫން. އެއަށްވުރެ މާ ވަރުގަދަ ޕާޓީއެއް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ޕާޓީ ސިސްޓަމަށް ވެރިކަން ހިނގަން ފެށީއްސުރެ މިއަދާ ހަމައަށް އައިއިރު، ތިޔަބޭފުޅުން ބައްލަވާ ޕާޓީއެއްގައި ވެރިކަން ކުރުމުގެ ސިފަ މި ވެރިކަމުގައި ނޫނީ ފެނިގެން ހިނގައްޖެތޯ،“ އަބްދުއްރަހީމް ވިދާޅުވިއެވެ.








