ހެޔޮ ގޮތުގައި ވެވޭ ހައްޖެއް ކަމުގައި ހެދުމަށްޓަކައި، ހައްޖަށް ދިއުމުގެ ކުރީން އިހުލާސްތެރި ރަނގަޅު ތައުބާއަކުން ތައުބާވާންޖެހޭ ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ހެޔޮ ގޮތުގައި ވެވޭ ހައްޖެއްކަމުގައި ތިމާގެ ހައްޖުވުމަށްޓަކައި، ހައްޖަށް ދިއުމުގެ ކުރީގައި ވެސް ތިމާ ކުރާންޖެހޭ ކަންތައްތަކެއްވާ ކަމަށެވެ.
”މިގޮތުން އިހުލާސްތެރި ރަނގަޅު ތައުބާއަކުން ތައުބާވާންޖެހެއެވެ. އަދި ތިމާގެ ދަރަންޏާއި، ލިބެންހުރި ތަކެތި ލިޔެފައި ބެހެއްޓުމަކީ މުހިންމުކަމެކެވެ. ހާއްސަކޮށް ހައްޖުވުމަށްޓަކައި ކުރާންޖެހޭ ހަރަދުތަކާއި، އާންމުކޮށް ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ވެސް ކުރާ ހަރަދުތަކަކީ ހަލާލު ގޮތުގައި ހޯދައިފައިވާ މުދަލާއި، ފައިސާއިން ކުރާ ހަރަދުތަކެއް ކަމުގައި ވާންޖެހެއެވެ..،“ ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ މާތް اللهގެ ހަޟުރަތުގައި މަގުބޫލުވެގެންވާ އަޅުކަމެއް ކަމުގައި، ކޮންމެ އަޅުކަމެއް ވެސް ވާހުށީ، އެ އަޅުކަމެއްގައި ފުރިހަމަކުރަންޖެހޭ ޝަރުތުތަކެއް ފުރިހަމަވެގެން ކަމަށެވެ. އެއީ، މާތް اللهގެ ވަޖުހުފުޅު އަދައިގެން އިހުލާސްތެރިކަމާއެކު، ކީރިތި ރަސޫލާ އެ އަޅުކަމެއް ކުރުމަށް އަންގަވައިފައިވާ ގޮތުގެ މަތީން އެކަމެއް ކުރުން ކަމަށް ހުތުބާގައި ބުންޏެވެ.
ދެއްކުންތެރިކަމުން ތާހިރުވެ، މާތް الله އަށްޓަކައި އިހުލާސްތެރިކަމާއެކު ކުރާ ކަމެއްކަމުގައި، ތިމާގެ ކޮންމެ އަމަލެއް ވުމަކީ ވެސް ވާޖިބު ކަމެއް ކަމަށާއި ހައްޖަށްދާ މީހާ ނުވަތަ އުމްރާއަށްދާ މީހާ މި މަތިވެރި އަޅުކަން އަދާކުރާ ގޮތާއި، މި އަޅުކަމުގެ ހުކުމްތައް އުނގެނި ދަސްކުރުން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ ހެޔޮ ގޮތުގައި ވެވުނު ހައްޖެއްކަމުގެ އަލާމާތަކީ ހައްޖުވުމަށްފަހު ތިމާގެ ދިރިއުޅުން ހެޔޮ މަގަށް ބަދަލުވެ، މާތް الله މަނާކުރެއްވި ކަންތައްތަކުން ދުރުވެ ރައްކާތެރިވެގެން ދިރިއުޅުން ވޭތުކުރަމުން ދިއުމާއި، މާތް اللهގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ މީހެއްކަމުގައި ތިމާ ވުން ކަމަށެވެ.








