މިދިޔަ އަހަރުގެ މެއި 7 އަކީ އަމަލް ސުބައިހްގެ ހަޔާތުގައި އައި އެންމެ އުފާވެރި އަދި އެންމެ ހިތާމަވެރި ދުވަހެވެ. އެ ދުވަހުގެ ހެނދުނު، އަމަލްގެ ފިރިމީހާ ޔަހްޔާ ސުބައިހް ވަނީ އަމަލް ގޮވައިގެން ހޮސްޕިޓަލަށް ގޮސްފައެވެ. ކުއްލި އޮޕަރޭޝަނެއް ކުރުމަށްފަހު، އެ ދެމަފިރިންގެ ތިންވަނަ ދަރިފުޅު އަދި ފުރަތަމަ އަންހެން ދަރިފުޅު، ސަނާ އުފަންވިއެވެ. އުމުރުން ހަތަރު އަހަރުގެ ބަރާ އަދި ތިން އަހަރުގެ ކިނާން އަށް ކޮއްކޮއަކު ލިބުމުން އެ އާއިލާގައި އޮތީ އުފާވެރިކަމެވެ.
ޔަހްޔާ ހުރީ ވަރަށް އުފަލުންނެވެ. ތުއްތު ދަރިފުޅުގެ ކަންފަތްދޮށުގައި ބަންގި ގޮވައި، ފޮޓޯ ނަގައި، އާއިލާގެ މީހުންނާއެކު އޭނާ ވަނީ އުފާފާޅުކޮށްފައެވެ. އެއަށްފަހު އޭނާގެ ދެ ފިރިހެން ދަރިންނަށް ގޮވައިލުމަށާއި، ތުއްތު ކުއްޖާއަށް ބޭނުންވާ ބައެއް ސާމާނު ގަތުމަށްޓަކައި ހޮސްޕިޓަލުން ބޭރަށް ދިޔައެވެ. ނަމަވެސް، އެއީ އަމަލްއަށް އޭނާގެ ފިރިމީހާ ފެނުނު އެންމެ ފަހު ފަހަރުކަމެއް އޭނާއަކަށް ނޭނގެއެވެ.
ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ޔަހްޔާ ޝަހީދުވީ، ދަރިފުޅު އުފަންވިތާ ފަސް ގަޑިއިރު ފަހުންނެވެ. އޭނާ ޝަހީދުވީ މެދުތެރޭ ޣައްޒާގެ ވިޔަފާރި ސަރަހައްދަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައެވެ. މި ހަމަލާގައި ޔަހްޔާއާއެކު އިތުރު 17 މީހަކު ޝަހީދުވިއެވެ. މީގެ ތެރޭގައި އޭނާގެ ތިމާގެ މީހުންނާއި ގާތް އެކުވެރިންވެސް ހިމެނެއެވެ. ހަމަލާ އަމާޒުވިއިރު ޔަހްޔާ ދިޔައީ އޭނާއަށް އަންހެން ދަރިޔަކު ލިބުމުގެ އުފަލުގައި މީހުންނަށް ފޮނިކާތަކެތި ބަހަމުންނެވެ.
ހޮސްޕިޓަލުގައި އޮތް އަމަލްއަށް މާހައުލުން އާދަޔާހިލާފު ކަންތައްތަކެއް ފާހަގަވާން ފެށިއެވެ. އާއިލާގެ މީހުންގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަމާއި، ސިއްރުސިއްރުން ދައްކަމުންދިޔަ ވާހަކަތަކުގެ ސަބަބުން އަމަލްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އޭނާ ޔަހްޔާއަށް 15 ވަރަކަށް ފަހަރު ގުޅިއެވެ. ނަމަވެސް ފޯނަކަށް ޖަވާބެއް ނުލިބުނެވެ. އަމަލްއަށް މި ހިތާމަވެރި ހަބަރު އެނގުނީ އިންޓަނެޓަށް ވަދެ ބަލައިލުމުންނެވެ.


އަމަލް ސިފަކުރާ ގޮތުގައި ޔަހްޔާ ޝަހީދުވީ ފަހުން ފާއިތުވި 12 މަސްދުވަހަކީ ހިތާމައިގެ އަހަރެކެވެ. މީގެ ކުރިން އޭނާގެ އާއިލާގެ އެތައް ބަޔަކުވެސް ވަނީ ހަނގުރާމައިގައި ޝަހީދުވެފައެވެ. ޔަހްޔާ ޝަހީދުވިތާ މަސްތަކެއް ފަހުން، އަމަލް ވަނީ އޭނާގެ ތިން ކުދިން ގޮވައިގެން ދެކުނު ޣައްޒާއަށް ހިޖުރަކޮށްފައެވެ. ފޭލިގެއެއްގައި ދަތި ހާލުގައި ދިރިއުޅެމުން، އޭނާ ދިޔައީ ދަރިންނަށް ބައްޕައެއްގެ ލޯބިވެސް ދެމުންނެވެ.
ފިރިމީހާ ނެތުމުގެ ފަޅުކަން ފިލުވައިލުމަށާއި އޭނާގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ނިޔަތުގައި، އަމަލް ވަނީ ޔަހްޔާ މަސައްކަތްކުރި މީޑިއާ ކުންފުންޏާ ގުޅިފައެވެ. ދަރިން ކުރާ ސުވާލުތަކަށް ޖަވާބުދިނުމަކީ އޭނާއަށް އުނދަގޫ ކަމެކެވެ. ހާއްސަކޮށް، އުމުރުން އެއް އަހަރު ފުރުނު ސަނާއަށް އޭނާގެ ބައްޕަގެ ވާހަކަ ކިޔައިދޭނެ ގޮތަކާ މެދު އަމަލް ކަންބޮޑުވެއެވެ. ނަމަވެސް، ދަރިންގެ އުފަލަށްޓަކައި ކުރިއަށް ދިއުމަށް އަމަލް ވަނީ ނިންމައިފައެވެ.









