މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ، ސިނާއަތް ސަލާމަތްކުރުމަށް ސަރުކާރުގެ އަވަސް އެހީތެރިކަމަށް ފަތުރުވެރިކަމުގެ ބޮޑެތި ޖަމިއްޔާތަކުން އެދިއްޖެއެވެ.
ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސަސް އެސޯސިއޭޝަން (އެންއެޗްޖީއޭއެމް) އާއި މަޓާޓޯ އިން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނީ މިދިޔަ މާޗް މަހުން ފެށިގެން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އެ ބަޔާނުގައިވާ ގޮތުން މާޗް އަދި އޭޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅައިބަލާއިރު 15 ޕަސަންޓާއި 20 ޕަސަންޓާ ދެމެދުގެ މިންވަރަކަށް ވަނީ ދަށްވެފައެވެ.
އެ ދެ ޖަމިއްޔާއިން ބުނީ މި ހާލަތުގެ ސަބަބުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބެމުންދަނީ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ. ލޯކަލް ގެސްޓް ހައުސްތަކާއި ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ހިމެނޭ ގޮތުން، މާލީ ދަތިތަކުގެ ސަބަބުން ބައެއް ވިޔަފާރިތައް މުޅިން ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ސަރުކާރާއި މާލީ އިދާރާތަކަށް އެ ދެ ޖަމިއްޔާއިން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި އިންޓަރެސްޓް ނުހިމެނޭ ގޮތަށް ލޯނު ދެއްކުން ފަސްކޮށްދިނުމާއި، މިހާރު ހުރި ލޯނުތައް އަލުން ތަރުތީބުކޮށްދިނުމާއި، ޓެކްސް ދެއްކުމުގައި ލުއިތަކެއް ދިނުމާއި، ކޯޓާ ފީ ފަދަ ފީތައް މައާފުކޮށްދިނުން ހިމެނެއެވެ. އޭގެ އިތުރުން ތެލުގެ އަގު އުފުލުމާއި އިމާރާތްކުރުމުގެ ސާމާނުގެ އަގު ބޮޑުވުމަކީ ވެސް ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް ބަޔާނުގައި ފާހަގަކޮށް، ފަސޭހައިން މާލީ އެހީތެރިކަން ލިބޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށް ވެސް އެ ދެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.
ކާރިސާއެއް ކުރިމަތިވުމުގެ ކުރިން ސަރުކާރުން ”ސަޕޯޓް މެކޭނިޒަމެއް“ ތައާރަފުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ދެ ޖަމިއްޔާއިން ބުންޏެވެ.









